ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ، އައްޑޫސިޓީ ހިތަދޫ/ ސަމަންދަރު، އަހްމަދު އަހްސަން(35އ)ކަމަށެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 16 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް(ވީއައިއޭ) އިން ކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި، އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
އޭނާ 16 ވަނަ ދުވަހު މާލެ އައީ މެލޭޝިއާއިންނެވެ. އޭނާ ބަލާ ފަސްކުރިއިރު، އޭނަގެ އަތުން 48 ގްރާމުގެ ހެރޮއިންނާއި 315 ގްރާމުގެ މެތަމްފެޓަމިންގެ އިތުރުން 215 ގްރާމުގެ ސިންތެޓިކް ކެތިނޯން ފެނިފައިވާ ކަމަށް ކަސްޓަމްސް އިން މީގެކުރިން ބުނެފައި ވެއެވެ.
އެދުވަހު،އެއާކާގޯ އިން ރާއްޖެ އައި ޝިޕްމަންޓަކުންވެސް 3،010 ގްރާމުގެ ހެރޮއިން ފެނިފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހްގީގު ކުރަމުންނެވެ.




