ޅ. ކުރެންދޫގައި ސަރުކާރުން އިމާރާތްކުރަމުންގެންދާ 50 ހައުސިން ޔުނިޓުގެ މަސައްކަތުގެ 47 އިންސައްތަ ނިމިފައިވާކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި އެވެ.
ކުރެންދޫގައި އިމާރާތްކުރާ 50 ހައުސިން ޔުނިޓު އަޅަނީ 100 އަކަފޫޓުގެ 10 ފަންގިފިލާއަށް ނެގޭ އިމާރާތެއްގައެވެ. އެއިން ކޮންމެ ހައުސިން ޔުނިޓެއްގައި ތިން ކޮޓަރި އާއި ތިން ފާހާނާގެ އިތުރުން ސިޓިން ރޫމް، ބަދިގެ، ކާގެ އަދި ލޯންޑްރީ އާއި ގުދަނެއް ވެސް ހުންނާނެއެވެ.
އެ އިމާރާތުގެ ގްރައުޑް ފްލޯ ތަރައްގީ ކުރަނީ ވިޔަފާރިތަކަށް ބޭނުންކުރެވޭ ގޮތަށެވެ. އަދި އެ ހައުސިން ޔުނިޓުތަކުގައި ދިރިއުޅޭ މީހުންނަށް ފަސޭހަކަމާއި ހިތްފަސޭހަކަން ގެނުވުމަށްޓަކައި ޕާކިން އޭރިއާއެއްގެ އިތުރުން ޕާކެއް ގާއިމުކޮށް، އިމާރާތުގެ ވަށައިގެން އަލިކަން ގާއިމުކުރުމަށް ހަމަޖެހިފައިވެއެވެ.
2023 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ފެށި މި މަޝްރޫއަކީ، އެސްޖޭ ޓްރޭޑް ޕްރައިވެޓް ލިމެޓެޑާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.އެ ކުންފުންޏާ އެ މަޝްރޫއު ހަވާލުކުރީ 95 މިލިއަން ރުފިޔާއަށެވެ.




