ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅޭ ފުލުހުންނަށް ކުރިއަށް ގެންދާ އަސާސީ ތަމްރީނު ކޯސް ފަށައިފި އެވެ.
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ ދ. ވާނީ ކެމްޕަހުގައި މިމަހުގެ 15 ވަނަ ދުވަހު ފެށި މި ކޯހުގައި 140 ފުލުހުން ބައިވެރި ވިއެވެ. މިއީ، މި ތަމްރީންގެ 38 ވަނަ ބުރެވެ.
މި ކޯހަކީ ފުލުހުންގެ ވަޒީފާއަށް ބޭނުންވާ ތަމްރީނާއި ތަރުބިއްޔަތު އުނގަންނައިދީ ފުލުހުންގެ މަސައްކަތަށް ބޭނުންވާ އިލްމީ ގާބިލުކަމާއި ހުނަރާއި ތަޖުރިބާ ލިބިދިނުމަށް ކުރިއަށް ގެންދާ ކޯހެކެވެ. އެގޮތުން،މި ކޯހުގައި ފިޒިކަލް ޓްރެއިނިންގ، އޮޕަރޭޝަނަލް ސޭފްޓީ އެންޑް ޓެކްޓިކްސް އަދި ގާނޫނާއި ގަވާއިދުތަކުގެ އިތުރުން ފުލުހުންގެ މަސައްކަތްތަކާ ގުޅުންހުރި ބައިތައް ކިޔަވައިދޭނެކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފައި ވެއެވެ.

ކޯސް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އެގްޒެކެޓިވް ޑިރެކްޓަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއް ރަހްމާން އެވެ. މި ރަސްމިއްޔާތުގައި، ކޮލެޖުގެ އިސް ވެރިންނާއި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުންނާއި ތަމްރީން ކޯހުގެ މުދައްރިބުން ބައިވެރިވަޑައިގެންނެވި އެވެ.



