ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް(އެފްއޭއެމް) އަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ(ފީފާ) ކޮވިޑް-19 ގެތެރޭގައި ދޫކުރި ފައިސާ ބޭނުންކޮށްގެން އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަލީ ޖަލީލް އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ފްލެޓްތަކެއް ގަތްކަމަށް ތުހުމަތުކުރެވޭ މައްސަލަ ތަހްގީގުކޮށް އޭނާގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓަރ ޖެނެރަލް(ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
ފުލުހުންގެ ޚިދުމަތުގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަނާއި، އިކޮނޮމިކް ކްރައިމްސް ޑިޕާޓްމަންޓުން ތަހުގީގުކުރަމުން ގެންދާ މައްސަލަތަކުގެ މައުލޫމާތު ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނީ، ބައްސާމްގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ އޭނާގެ ނަމުގައި އަމީން އެވެނިއުއިން ގަނެފައި ހުރި ދެ އެޕާޓްމެންޓަށް ފައިސާ ދެއްކުމުގައި އެފްއޭއެމްގެ ފައިސާ ބޭނުންކޮށްފައިވާ މައްސަލައާއި،އެފްއޭއެމްއިން އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް 14 އެޕްރީލް 2021 ވަނަ ދުވަހު ޖަމާކޮށްފައިވާ އެއްމިލިއަން ޔޫއެސް ޑޮލަރަށްވާ ދިވެހި ރުފިޔާ ދެއްކުމަށްޓަކައި ލިޔެކިޔުން ބަދަލުކޮށް، އަދި އެފައިސާ ލޯންޑާކޮށްފައިވާކަމުގެ މައްސަލަކަމަށެވެ.
”މިހާތަނަށް ތަހްގީގަށް ފާހަގަކުރެވުނީ، އަމީން އެވެނިއުއިން ބައްސާމް ގަނެފައިވާ ދެ އެޕާޓްމެންޓަށް ފައިސާ ދެއްކުމަށް،އެފްއޭއެމްގެ ފައިސާ ބޭނުންކޮށްފައިވާކަން.މިގޮތުން އެފްއޭއެމްގެ ފައިސާއިން ޖުމްލަ ތިން މިލިއަން އަށްޑިހަ ހަތަރުހާސް ރުފިޔާ އެޕާޓްމެންޓަށް ފައިސާ ދެއްކުމަށްޓަކައި ބައްސާމް ބޭނުންކޮށްފައިވާކަން މިހާތަނަށް ތަހްގީގަށް ފާހަގަކުރެވިފައިވޭ.“ ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ، މި ދެންނެވި ފައިސާއަކީ، އެފްއޭއެމްއިން ޑޮަލަރު މާރުކުރުމުގެ ނަމުގައި ތަފާތު އެކި ކުންފުނިތަކަށް، ދޫކޮށްފައިވާ ޔޫއެސް ޑޮލަރަށް އެކުންފުނިތަކުންް އެފްއޭއެމްއަށްް ދީފައިވާ ދިވެހި ރުފިޔާކަން ތަހުގީގުން މިހާތަނަށް ފާހަގަކުރެވިފައިވާކަމަށެވެ. އަދި، މި މައްސަލައިގެ ތަހްގީގުގެތެރެއިން އެފްއޭއެމްއިން އަމީން ކޮންސްޓަރަކްޝަން ލިމިޓެޑަށް 14 އެޕްރީލް 2021 ވަނަ ދުވަހު އެއް މިލިއަން ޔޫއެސް ޑޮލަރު ޖަމާކޮށްފައިވާކަން ފާހަގަކުރެވޭއިރު، މި ދެންނެވި އަދަދަކީ ކޮވިޑް ރިލީފް ލޯނުގެ ގޮތުގައި، އެފްއޭއެމްއަށް 14 އެޕްރީލް 2021 ވަނަ ދުވަހު ފީފާއިން ޖަމާކޮށްފައިވާ 1.9 މިލިއަން ޔޫއެސް ޑޮލަރުގެ ތެރެއިން،އަމީން ކޮންސްޓްރަކްޝަން އަށް ދޫކޮށްފައިވާ ފައިސާއެއްކަން ތަހްގީގަށް ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުންޏެވެ.
”ތަހްގީގުން ބެލިބެލުމުން ފާހަގަކުރެވެނީ، މި ލޯނު އެފްއޭއެމުން ނަގާފައިވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ފުޓްބޯޅަ ކްލަބްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަން.އަމީން ކޮންސްޓްރަކްޝަންއާއި، އެފްއޭއެމްއާ ދެމެދު މިކުރެވުނު އެއް މިލިއަން ޑޮލަރަށްވާ ދިވެހި ފައިސާ އެފްއޭއެމްއަށް އަމީން ކޮންސްޓަރަކްޝަނުން ދައްކާފައިނުވާކަން ތަހްގީގަށް މިހާތަނަށް ފާހަގަކުރެވިފައިވޭ.“ ފުލުހުން ބުނެފައިވެއެވެ.
އަދި މިހާތަނަށް ބެލި ބެލުމުން، މި މުއާމަލާތްތަކަށްވާ ދިވެހި ރުފިޔާ ދައްކުމަށްޓަކައި، ލިޔެކިޔުން ތައްޔާރުކޮށްފައިވާކަމާއި، ކުންފުންޏެއް މެދުވެރިކޮށް ލޯނު ނަގާފައިވާކަންވެސް ފާހަގަވުމުގެ އިތުރުން، މި ލޯނުގެ ފައިސާގެ އަދަދާއި، އަމީން ކޮންސްޓްރަކްޝަން އިން ފައިސާ ދައްކާފައިވާ ރިސިޕްޓްތަކުގައި ބަޔާންކުރާ ފައިސާގެ އަދަދާއި ދިމާވާކަންވެސް ތަހްގީގަށް ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ،ބައްސާމުގެ އިތުރުން،އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއި،އެފްއޭއެމްގެ ކުރީގެ ފައިނޭންޝިއަލް ޑިޕާޓްމެންޓްގެ ހެޑް،މުހައްމަދު އަގީލް އަދި މާލެ ސިޓީ،މ. ހިރިނާދޫ ހަސަން ވަހީދުގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވާކަމަށެވެ.މި މައްސަލައިގައި މި ފަރާތްތަކާމެދު ތުމަތު ކުރަނީ،ޚިޔާނާތުގެ ކުށާއި،އޮޅުވާލުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާކަމަށް ފުލުހުން ބުނެފައި ވެއެވެ.
މީގެކުރިން ވެސް، ބައްސާމް ގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށް، އެފްއޭއެމްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކުން10،000 އެމެރިކާ ޑޮލަރު ޖަމާކޮށް، އެފައިސާ އަމިއްލަ ކަންކަމަށް ބޭނުންކޮށް،އެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާކަމުގެ ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ އުފުލާފައިވެއެވެ.
ބައްސާމްއާ ދެކޮޅަށް މަނީ ލޯންޑަރިންނާއި އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވުމުގެ ތުހުމަތުގައި ކުރިމިނަލް ކޯޓުގައި ދައުލަތުން ވަނީ ދައުވާ ކޮށްފައެވެ.މި މައްސަލަތައް ކުރިޔަށްދާތީ ބައްސާމްގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފަ އެވެ.




