ދިރިއުޅުމަށް އަމިއްލަ ފަރާތްތަކުން ވިޔަފާރި އުސޫލުން ތަރައްގީކުރަމުން އަންނަ ރެސިޑެންޝިއަލް އިމާރާތްތަކުން އެޕާޓްމަންޓް ގަންނަ ފަރާތްތަކުން ފައިސާގެ މުއާމަލާތް ކުރުމުގައި ސަމާލުވުމަށް ހައުސިންގެ ޑެވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑިސީ) އިން އިލްތިމާސްކޮށްފި އެވެ.
އެޗްޑީސީން މިއަދު އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ، ދިރިއުޅުމަށް އަމިއްލަ ފަރާތްތަކުން ވިޔަފާރި އުސޫލުން ތަރައްގީކުރަމުން އަންނަ މިޑް ރޭންޖް އަދި ލަގްޜަރީ ހައުސިންގ މަޝްރޫއުތަކުން އެޕާޓްމެންޓް ވިއްކުމުގެ މުއާމަލާތްތައް ކުރިޔަށް ގެންދާނީ، އެ ޕްރޮޖެކްޓް ކުރިޔަށް ގެންދާ ފަރާތާއި އެޕާޓްމެންޓް ގަންނަ ފާރާތާއި އެއްބަސްވާ ގޮތެއްގެ މަތިންކަމަށެވެ. އެހެންނަމަވެސް އެޕާޓްމެންޓް ގަތުމުގެ ފައިސާގެ މުއާމަލާތްތައް ކުރިޔަށް ގެންދަންވާނީ އިމާރާތްކުރާ ފަރާތާއި އެޗްޑީސީއާމެދު ވެފައިވާ އެއްބަސްވުމާއި، އެއްގޮތަށްކަމަށް ބުނެފައިވެއެވެ.
އެ އިއުލާނުގައިވާގޮތުންނަމަ، ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ރެޒިޑެންޝިއަލް އިމާރާތްތަކުން އެޕާޓްމެންޓް ވިއްކަން ފެށުމުގެ ކުރިން، ބުކިންގ ފީގެގޮތުގައި ގިނަވެގެން 50 ހާސް ރުފިޔާގެ ރީފަންޑެބްލް ފީއެއް ކަސްޓަމަރުން އަތުން ނެގުމުގެ ހުއްދަ ޑެވެލޮޕަރަށް ލިބިގެން ވެއެވެ. އަދި އެޕާޓްމެންޓް ވިއްކުމަށް ހުޅުވާލެވޭނީ، އިމާރާތުގެ ސިވިލް މަސައްކަތުގެ %20 ނިންމައި އެޗްޑީސީން އެކަމުގެ ހުއްދަ ހޯދުމަށްފަހުގަ އެވެ. އެެހެންކަމުން އެޕާޓްމެންޓް ވިއްކުމުގެ ހުއްދަ ލިބުމުގެ ކުރިން ބުކިނގް ފީގެ އިތުރުން، އެއްވެސް ފައިސާއެއް ކަސްޓަމަރުން އަތުން ނުނެގޭނެ އެވެ.
އެޗްޑީސީން ބުނީ، ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ، ރެސިޑެންޝިއަލް އިމާރާތްތަކުން އެޕާޓްމަންޓް ގަތުމަށް ޝއުގުވެރިވާ ފަރާތްތަކުން ފައިސާގެ މުއާމަލާތް ކުރުމުގެ ކުރިން މި ކަންކަމަށް ސަމާލުވުމަށް އެދޭކަމަށެވެ.
އެޗްޑިސީގެ އިއުލާނުގައިވާ ގޮތުންނަމަ،އަސޭރިޔާ ޕްރޮޖެކްޓުގެ އެޕާޓްމެންޓުގެ ބުކިންގ ފީގެގޮތުގައި، ކަސްޓަމަރުންގެ އަތުން އެއްމިލިއަން ރުފިޔާގެ ފީއެއް ނެގުމުގެ ހުއްދަ ޑެވެލޮޕަރަށް ލިބިގެން ވެއެވެ. އަދި، އިމާރާތުގެ ސިވިލް މަސައްކަތުގެ %20 ނުނިމުނު ނަމަވެސް އެޗްޑީސީއާއި ޑެވެލޮޕަރާއި ދެމެދު އުފައްދާފައިވާ އެސްކްރޯ އެކައުންޓަށް ފައިސާ ޖަމާކޮށްގެން،އެ ޕްރޮޖެކްޓްތަކުގެ އެޕާޓްމަންޓް އާންމުންނަށް ގަނެވިދާނެއެވެ.



