މާލޭގައި މީހަކު ރަހީނުކޮށް، އަނިޔާކޮށް، އެ މީހާގެ އިނގިލި ބުރިކޮށްލާފައިވާ މައްސަލައިގައި އެމްއެންޑީއެފް ގެ 2 އޮފިސަރުން ހިމެނޭ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ މެއި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ޖޫން 25 ވަނަ ދުވަހާއި ހަމަޔަށް މާލޭގެ ގެޔެއްގައި މީހަކު ރަހީނުކޮށް، އޭނާއަށް ބިރުދައްކައި، މަޖުބޫރުކުރުވައިގެން އޭނާ ލައްވާ މަސްތުވާތަކެތީގެ ވިޔަފާރި ކުރުވާފައިވާ ކަމަށެވެ. އަދި އޭނާ އަށް ޖިސްމާނީ ބޮޑެތި އަނިޔާތައް ވެސް ދީފައިވާ ކަމަށް ފުލުހުން ބުންޔެވެ.
އުމުރުން 30 އަހަރުގެ އެ ދިވެހި ފިރިހެން މީހާޔަށް ދީފައިވާ އަނިޔާތަކުގެ ތެރޭގައި، އޭނާގެ ވައަތު ލޯމަތީގައި ޖެހުމުގެ ސަބަބުން ވައަތު ލޮލަށް ލޭ އެރުން ހިމެނެއެވެ. އޭގެ އިތުރުން، އޭނާގެ ހަށިގަނޑުގެ އެކި ތަންތަނުގައި އަލިފާން ޖައްސާފައިވާ ކަމަށާއި، ހަށިގަނޑުގެ އެކި ތަންތަނުގައި ތަޅާ އަނިޔާ ކޮށްފައިވާ ކަމުގެ ނިޝާންތައް ފެންނަން ހުރި ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
އަދި ތޫނު ހަތިޔާރެއް ބޭނުންކޮށްގެން އެމީހާގެ ވައަތު ކުޑަވައި އިނގިލީގެ ދެވަނަ ބަދައިން ފެށިގެން ބުރިކޮށްލާފައިވާ ކަމަށްވެސް ފުލުހުން ބުންޔެވެ.
މި މައްސަލައިގައި 5 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް މިހާރު ވަނީ ގެނެސްފައެވެ. އެ 5 މީހުންގެ ތެރެއިން 4 މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބޭތިއްބުމަށް ކްރިމިނަލް ކޯޓު އަމުރުކޮށްފައިވާ އިރު، އޭގެ ތެރެއިން އެކަކު، މައްސަލައިގެ ތަހުޤީގު ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޔެވެ.
މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ފަރާތްތަކަކީ ރ. ކަނދޮޅުދޫ، މިހުރާ، އަލީ ސާމީ (24އ)، ގދ. ގައްދޫ، ހުދުވެލި، އަހުމަދު ސާއިފް ވަހީދު (18އ)، ތ. ތިމަރަފުށި، އުތުރުގެއާގެ، މުހައްމަދު ނައުޝާން ހުސައިން (21އ)، ކ. މާފުށި، ފުލްމޫން، މުހައްމަދު ނަފާހް (23އ)، ލ.ގަން ތުނޑި، ލިންކް، އަހުމަދު ޒަޔާން (24އ) އެވެ.

މި 5 މީހުންގެ ތެރޭގައި އެމްއެންޑީއެފް ގައި ވަޒީފާ އަދާ ކުރަމުން އަންނަ ދެ ފަރާތް ހިމެނޭ ކަމަށް ފުލުހުން މައުލޫމާތު ދިނެއެވެ. އެ 2 ފަރާތަކީ މުހައްމަދު ނަފާހު، އަދި އަހުމަދު ޒަޔާން އެވެ. ފުލުހުން ބުނީ މި ދެމީހުންނަކީ ކުށުގެ ވެށީގައި އުޅޭ ބައެއް ކުއްވެރިންނާއި އެކު ގުޅުންތައް އޮންނަ ދެ މީހުން ކަމަށް ފުލުހުންގެ ތަހުޤީގުން އެނގިފައިވާ ކަމަށެވެ. އަދި މި ދެމީހުންނާއި ދޭތެރެ އެމްއެންޑީއެފް އިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށްވެސް ފުލުހުން ބުންޔެވެ.
ފުލުހުން ބުނީ މީހަކު ރަހީނުކޮށް އޭނާއަށް އަނިޔާކޮށްފައިވަނީ، އެ އަމަލު ހިންގި ފަރާތްތަކުގެ ތެރޭގައި ހިމެނޭ މީހެއްގެ ނަމުގައި ކުއްޔަށް ހިފާފައިވާ އެޕާޓްމެންޓެއްގައި ކަމަށެވެ. އަދި އެތަނުގެ ތެރެއިން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބައެއް ތަކެތި ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޔެވެ. އޭގެ ތެރޭގައި މަސްތުވާތަކެތި ބަންދުކުރާ ކޮތަޅާއި، ކިރުމަށް ބޭނުންކުރާ ކައްޓާ ފަދަ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
ފުލުހުން ބުނީ މި އަނިޔާވެރި އަމަލުތައް ހިންގަން މެދުވެރިފައިވަނީ މަސްތުވާތަކެތީގެ މުއާމަލާތް ތަކަކާއި ގުޅިގެން ކަން ފުލުހުންގެ ތަހުޤީގަށް އެނގިފައިވާ ކަމަށާއި، އަދި އަނިޔާ ލިބުނު ފަރާތް މެދުވެރިކޮށް މަސްތުވާތަކެތީގެ ވިޔަފާރި ކޮށްފައިވާ ކަން ފާހަގަވެފައިވާ ކަމަށެވެ.



