މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް) އިން ހއ. އުލިގަމުގައި ޤާއިމްކުރި އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ(އައިއެސްޕީއެސް) ގޭޓް ހުޅުވައިފި އެވެ.
ރޭ އެކަމަށްޓަކަައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ގޭޓް ހުޅުއްވައިދެއްވީ،އުލިގަަމު ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޛް އިދުރީސް އާދަމެވެ.
އައިއެސްޕީއެސް ގޭޓަކީ، އިންޓަނޭޝަނަލް ބަންކަރިންގެ ޚިދުމަތް ފެށުމަށްޓަކައި އުތުރުގައި ދޭންޖެހޭ މެރިޓައިމް ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން އެމްޕީއެލްއިން ގާއިމުކުރި ގޭޓެކެކެވެ. އެތަނުގައި އެމްޕީއެލް އާއި އިމިގްރޭޝަނާއި ކަސްޓަމްސް އަދި އެމްއެންޑީއެފްގެ މުވައްޒަފުންނަށް ހާއްސަ ޖާގައެއް ކަނޑައަޅާފައިވެއެވެ. އަދި މައްސަލައެއް ދިމާވެއްޖެނަމަ، ޑިޓެންޝަން ރޫމެއް ވެސް ވަނީ ގާއިމުކޮށްފަ އެވެ. މީގެ އިތުރުން އެ އޮފީހަށް ވަންނަ ފަރާތްތައް ސްކްރީން ކުރުމަށް ސެކިއުރިޓީ ސްކްރީން މެޝިން ވެސް ވަނީ ބަހައްޓާފަ އެވެ.
އެމްޕީއެލްއިން ވަނީ މެރިޓައިމް 14 ޚިދުމަތްތެއް ފޯރު ކޮށްދޭން ތައްޔާރުވެފަވެ. އެ، ޚިދުމަތްތަކުގެ ތެރޭގައި ބޯޓުތަކަށްދޭ ޕައިލެޓް ޚިދުމަތާއި، ކްރޫ ޗޭންޖްކުރުމުގެ ޚިދުމަތާއި، އެއް ބޯޓުން އަނެއް ބޯޓަށް ޚިދުމަތް ހިއްސާކުރުމާއި، ބޯޓްތަކަށް ބޭނުންވާ ސާފު ފެން ފޯރުކޮށްދިނުމާއި،ބޯޓް ފަހަރަށް ބޭނުންވާ ކާބޯތަކެތި ސަޕްލައިކޮށްދިނުމާއި، އަޑީ ތެޔޮ ސަޕްލައިކޮށްދިނުމާއި، ޔޮޓްތަކަށް ޑޮކިންގ ޚިދުމަތް ދިނުމާއި، މެއިންޓެނަންސް ޚިދުމަތް ދިނުމާއި، މެރިން ސަވައިލެންސް ޚިދުމަތާއި،އަންޑަ ވޯޓަރ ސަވިސްއާއި ކުނި ނައްތާލުމުގެ ޚިދުމަތް ދޭ ގޮތަށް ހަމަޖެހިފައިވާކަމަށް ވަޖީހް ވިދާޅުވި އެވެ.
އެ ޚިދުމަތް ދިނުމަށް 24 ގަޑިއިރު ޖަވާބުދާރީވާނެ ކޯލްސެންޓަރެއްވެސް އެމްޕީއެލްއިން ވަނީ ގާއިމުކޮށްފަ އެވެ.
އެމްޕީއެލްއިން ވަނީ،ރާއްޖޭގެ އުތުރުގައި މިއަދު ފަށާ ބަންކަރިންގ ޚިދުމަތާއި އެކު އެސަރަޙައްދުން ފޯރު ކޮށްދިނުމަށް ތައްޔާރު ވެފައިވާ މެރިޓައިމް ދާއިރާގެ އެހެނިހެން ޚިދުމަތްތައް ސާފު ވާނޭ ހެން އެކަމަށް ޚާއްސަ ވެބްްސައިޓެއް ވެސް ތައްޔާރު ކޮށްފައެވެ. އެއީ ums.mv / އުތުރު މެރިޓައިމް ސާވިސަސް އެވެ.




