މެރިކަލްޗަރކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މޫދު ކޮށްޓާއި ދިރޭ ކުދި ފާނަ ވިއްކުމުގެ ޕްރޮގްރާމެއް ކުރިޔަަގެންދަން ފިޝަރީޒް މިނިސްޓްރީން ނިންމައިފި އެވެ.
ދިވެހިރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ޤާއިމުކޮށް ތަރައްޤީ ކުރުމުގެ ގޮތުން ކުރިޔަށްގެންދާ މި ޕްރޮގްރާމްގެ ދަށުން 57 މޫދު ކޮށި ވިއްކުމަށް މިނިސްޓްރީން ނިންމާފައިވާއިރު، ކޮށި ސެޓެއް ވިއްކަނީ އެއް ލައްކަ ރުފިޔާ އަށެވެ. އެއީ، ފުޅާމިނުގައި 3 މީޓަރު، ދިގު މިނުގައި 3 މީޓަރުގެ 8 ގޮޅި ހިމެނޭގޮތަށް ޖުމްލަ 72 އަކަ މީޓަރުގެ ކޮށްޓެވެ. މިނިސްޓްރީން ބުނީ، މި ޕްރޮގްރާމްގެ ދަށުން، ގަންނަ މޫދު ކޮށި ކ. މަނިޔަފުށިން ގެންދިއުމުގެ އިންތިޒާމު ހަމަޖައްސަންޖެހޭނީ ކޮށި ގަންނަ ފަރާތްތަކުންކަމަށެވެ.
މިނިސްޓްރީން ބުނީ، ކުދި ފާނަ ވިއްކަނީ ކ. މަނިޔަފުށީގައި ހިންގާ ރިސާރޗް ހެޗަރީގައި ކުރިއަށްގެންދާ ފާނަ އާލާކުރުމުގެ ރިސާރޗް ޕްރޮގްރާމުގެ ތެރެއިން އުފެއްދޭ މިންވަރަކުން ބޮޑު މިނުގައި 06 ސެންޓިމީޓަރާއި 10 ސެންޓިމީޓަރާ ދެމެދުގެ ފާނައެއް 15 ރުފިޔާގެ މަގުން، ފާނަ ގަތުމަށް ޝައުގުވެރިކަން ފާޅުކުރާ ތަރުތީބަށް ބަލައިގެންކަމަށެވެ.
މިނިސްޓްރީން މިއަދު ވަނީ، މޫދު ކޮށްޓާއި ދިރޭ ކުދި ފާނަ ގަންނަން ބޭނުންވާ ފަރާތްތަކަށް އެތަކެތި ގަތުމަށް އެދި ނަންނޯޓްކުރުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. މޫދު ކޮށްޓާއި ކުދި ފާނަ ގަންނަން އެދޭ ފަރާތްތަކުން admin@fishagri.gov.mv އީމެއިލް މެދުވެރިކޮށް ނަންނޯޓްކުރެވެއެވެ. އަދި، މޫދު ކޮށި ނުވަތަ ކުދި ފާނަ ގަތުމުގެ ކުރިން، ކ. މަނިޔަފުށްޓަށް ގޮސް ކޮށިތަކާއި ފާނަ ބަލާލުމުގެ އިންތިޒާމު ހަމަޖައްސައިދޭނެކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ. އެތަކެތި ބަލާލަން ބޭނުންވާ ފަރާތްތަކުން މިނިސްޓްރީގެ ނަންބަރު 3322242/3339251 ފޯނަށް ގުޅާލުމުން، އެކަން ހަމަޖައްސައިދޭނެކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މިނިސްޓްރީން، މޫދު ކޮށްޓާއި ދިރޭ ކުދި ފާނަ އަމިއްލަ ފަރާތްތަކަށް ލިބޭނޭ އިންތިޒާމު ހަމަޖައްސައިދެނީ ފާނަ ބޮޑުކޮށްގެން މެރިކަލްޗރގެ ވިޔަފާރި ކުރުމަށް މަގު ފަހިކޮށްދިނުމުގެ ގޮތުންނެވެ.



