އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި އިންސްޕެކްޝަނެއްގައި މާލެ ސަރަހައްދުގައި ހިންގާ ސެލޫންތަކެއް ބަލައި ފާސްކޮށް،7 ބިދޭސީ އަންހެނަކު ހައްޔަރުކޮށްފި އެވެ.
އިމިގްރޭޝަނުން ބުނީ،މާލެ ސަރަހައްދުގައި ހިންގަމުންދާ ސެލޫން އަދި ސްޕާތަކަށް ހާއްސަކޮށް، އެ ތަންތަނުގައި މަސައްކަތްކުރަމުންދާ ބިދޭސީންނަކީ އިމިގްރޭޝަން ޤާނޫނާއި އެއްގޮތަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންތޯ ބެލުމަށް އިއްޔެ ހާއްސަ އިންސްޕެކްޝަނެއް ހިންގާފައިވާކަމަށެވެ. އެ އިންސްޕެކްޝަންގައި ޖުމްލަ 22 ތަނެއް ބަލައި ފާސްކޮށް ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިއަ ބިދޭސީ 07 އަންހެނަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އިމިގްރޭޝަނުން ބުނެފައި ވެއެވެ.
މި އިންސްޕެކްޝަންގައި ވަނީ، އެމީހުންނަށް ވަޒީފާދިން ފަރާތްތަކުގެ ތެރެއިން 07 ފަރާތަކަށް ނޯޓިސް ދީފަ އެވެ.
އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަކަށް، ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުން އަންނަ އެކޮމޮޑޭޝަން ބްލޮކްތައް ބަލައި ފާސްކުރުމަށް ޓާސްކު ފޯސް އިން ހިންގަމުންދާ އޮޕަރޭޝަންގައި އިއްޔެ މާލޭގެ މާފަންނުގައި ހުންނަ 04 ގެއެއްވެސް ވަނީ ބަލައި ފާސްކޮށްފަ އެވެ. އެ އޮޕަރޭޝަނުގައިވަނީ، ގަވާއިދާ ހިލާފަށް އެ ތަންތަނުގައި އުޅެމުންދިއަ 16 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
މީގެތެރެއިން ބައެއް ތަންތަނަކީ، ސާފުތާހިރުކަމަށް ބެލުމެއް ނެތި، ވިޔަފާރިއަށް އެކި ބާވަތުގެ ކާބޯތަކެތި ތައްޔާރުކުރަމުންދިއަ ތަންތަން ކަން ފާހަގަކުރެވިފައިވާކަމަށް އިމިގްރޭޝަނުން ބުންޏެވެ.




