ގްލޯބަލް އިސްލާމިކް ފައިނޭންސް ލީޑަރޝިޕް އެވޯޑް ދިވެހިރާއްޖެއަށް ލިބިއްޖެއެވެ.
ގްލޯބަލް އިސްލާމިކް ފައިނޭންސް އެވޯޑްސްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އިސްލާމިކް ބޭންކިންގ އަދި ފައިނޭންސް ދެމެހެއްޓެނެވި ގޮތަކަށް ކުރިއަރުވަން މަސައްކަތްކުރަމުން އަންނަ ޤައުމުތަކާއި، މުއައްސަސާތަކާއި، ފަރުދުންގެ އަގުވަޒަންކޮށް ކޮންމެ އަހަރަކު ބާއްވަމުން އަންނަ ބައިނަލްއަގްވާމީ އިނާމުދިނުމުގެ ހަފްލާއެކެވެ.
14 ވަނަ ގްލޯބަލް އިސްލާމިކް ފައިނެންސް ލީޑަޝިޕް އެވޯޑު 2024′ ގެ ޝަރަފުވެރި އެވޯޑް ރާއްޖެއަށް އަރުވާފައިވަނީ، މިދިޔަ އަންގާރަދުވަހު، ވިލާ ނޮޓިކާގައި ބޭއްވި ’ގްލޯބަލް އިސްލާމިކް ފައިނޭންސް ސަމިޓް އެންޑް އެވޯޑްސް 2024‘ ގަ އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ގެ ފަރާތުން މި އެވޯޑާއި ހަވާލުވެވަޑައިގެންނެވީ، މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤުއެވެ.
މި އެވޯޑް ރާއްޖެއަށް ލިބިފައިވަނީ އިސްލާމިކް ފައިނެންސް ކުރިއަރުވަން ރާއްޖެއިން މަސައްކަތްކުރަމުންދާ މިންވަރު ދެނެގަނެ މިހާތަނަށް ލިބިފައިހުރި ކާމިޔާބީތަކާއި މޭލުދަނޑިތަކުގެ އަގު ވަޒަންކޮށް ދެމެހެއްޓެނިވި ގޮތެއްގައި އިސްލާމިކް ފައިނެންސް ކުރިއަރުވަން ކުރަމުންދާ މަސައްކަތްތަކައް ބިނާކޮށެވެ.
މި ހަފްލާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޑރ. ޝަފީގް ވަނީ، ރާއްޖޭގެ އިސްލާމިކް ފައިނެންސްގެ ތާރީޚަށް އަލިއަޅުވާލައްވާ މިހާރު އިސްލާމިކް ފައިނެންސްގެ ނިޒާމަށް އައިސްފާވާ ބަދަލުތައް ފާހަގަކުރައްވާފަ އެވެ. އަދި ރާއްޖޭގައި އިސްލާމިކް ފައިނެންސްގެ ހޭލުންތެރިކަން އިތުރުކުރުމުގެ މުހިއްމުކަމާއި ރާއްޖެއަކީ އިސްލާމިކް ފައިނެންސްގެ ސަރަހައްދީ ނާރެހަކަށް ހެދުމުގެ ސަރުކާރުގެ ތަސައްވުރުވެސް ވެސް ވަނީ ހިއްސާކުރައްވާފަ އެވެ.
މި އެވޯޑްް ދިނުމުގެ ހަފްލާގައި ރާއްޖޭގެ މާލީ މުއައްސަސާތަކުގެ އިސްވެރިންވެސް ބައިވެރިވަޑައިގެންނެވި އެވެ.



