ވޯޓަރ ބަންކަރިންގެ ޚިދުމަތް ދިނުމަށް ތައްޔާރުވަމުންއަންނަކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(ޢެމްޕީއެލް) އިން ބުނެފި އެވެ.
އެމްޕީއެލްއިން ބުނީ، ވޯޓަރ ބަންކަރިންގެ ޚިދުމަތަކީ،އިހަވަންދިއްޕޮޅުގައި މެރިޓައިމްގެ ޚިދުމަތް ދިނުމަށް ގާއިމުކޮށްފައިވާ، އުތުރު މެރިޓައިމް ސަރވިސް (ޔޫއެމްއެސް) އިން ތެރެއިން ފަށާ ޚިދުމަތެއްކަަމަށެވެ.
ވޯޓަރ ބަންކަރިންގެ ޚިދުމަތް ފެށުމަށް ތައްޔާރުވުމުގެ ގޮތުން، އެމްޕީއެލްއިން ވަނީ، އެ ޚިދުމަތް ދިނުމަށް ބޭނުންވާ ފެން ބާޖް ތިލަދުންމަތި އުތުރުބުރީ ތުރާކުނުގައި ބޭއްވުމަށް ތުރާކުނު ކައުންސިލާއެކު ފަހުމުނަމާއެއްގައި ސޮއިކޮށްފަ އެވެ. މި ފަހުމުނާމާގެ ދަށުން، އުތުރުގައި ވޯޓަރ ބަންކަރިންގ ޚިދުމަތް ދިނުމަށް އެމްޕީއެލް އިން ބޭނުންކުރާ ފެން ބާޖް ތުރާކުނުގައި ބާއްވައި، އެ ބާޖް ރީފިލް ކުރުމުގެ މަސައްކަތްވެސް ކުރާނީ ތުރާކުނުގަ އެވެ.
އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހިމް ވިދާޅުވީ، ލަސްތަކެއް ނުވެ މި ޚިދުމަތް ފަށާނެކަމަށާއި، މިހާރުވެސް ގްރީސްގެ 14 ބޯޓް އޮޕަރޭޓް ކުރާ ފަރާތަކުން ވޯޓަރ ބަންކަރިންގެ ޚިދުމަތަށް އެދިފައިވާކަމަށެވެ. އަދި ވޯޓަރ ބަންކަރިންގ އަކީ ޔޫއެމްއެސްގެ ތެރެއިން ހުޅުވޭނެ އިތުރު މާކެޓެއް ކަމަށް ޤަބޫލްފުޅުކުރައްވާ ކަމަށް ވިދާޅުވި އެވެ.
ވޯޓަރ ބަންކަރިންގ އަކީ އުތުރުގައި ފޯރުކޮށްދޭ މެރިޓައިމްގެ ޚިދުމަތުގެ މުހިންމު ބައެކެވެ. ވޯޓަރ ބަންކަރިންގެ އިތުރުންވެސް އިހަވަންދިއްޕޮޅުގައި މެރިޓައިމްގެ ގިނަ ޚިދުމަތްތަކެއް ފަށައި، އިތުރު ޚިދުމަތްތައް ތައާރަފްކުރުމަށް އެމްޕީއެލްއިން ދަނީ ތައްޔާރުވަމުންނެވެ.


