ހިތަދޫ ބަނދަރުން ޚިދުމަތް ހޯދާ ބޯޓް ފަހަރަށް ކަރަންޓާއި ފެން ލިބޭނެ އިންތިޒާމު މި މަހުގެތެރޭގައި ހަމަޖައްސަދޭނެކަމަށް ފެނަކައިން ބުނެފި އެވެ.
ފެނެކައިންބުނީ، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުންކަމަށްވާ ޙުސައިން ޒުޙުރީ އާއި މުޙައްމަދު ޢަބްދުލްކަރީމް ކުންފުނީގެ ފަރާތުން އައްޑޫ ސިޓީ ކައުންސިލާއެކު މިދިޔަ ބުރާސްފަތި ދުވަހުގެރޭ މަޝްވަރާ ބައްދަލުވުމެއް ބާއްވަވާފައިވާކަމަށެވެ. ކުންފުނީގެ ޑިޕާރޓްމަންޓްތަކުގެ ބައެއް އިސްވެރިން ވެސް ބައިވެރިވެވަޑައިގަތް މި ބައްދަލު ކުރެއްވުމުގައި، އައްޑޫ ސިޓީގެ ރައްޔިތުންނަށް ފެނަކައިގެ ޚިދުމަތް ލިބުމުގައި ހުރި ދަތިތަކާ ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.
މި ބައްދަލުވުމުގައި ކައުންސިލުން ފާހަގަކުރި ކަންކަމުގެ ތެރޭގައި އައްޑޫ ސިޓީ ހިތަދޫ ބަނދަރުން ޚިދުމަތް ހޯދާ ބޯޓް ފަހަރަށް ކަރަންޓާއި ފެން ލިބުމުގައި ހުރި ދަތިކަން ފާހަގަކޮށް، ބޯޓްފަހަރަށް ފަސޭހައިން ކަރަންޓާއި ފެން ލިބޭގޮތަށް ކަނެކްޝަން އަޅައިދިނުމަށް ކައުންސިލުން އެދުނު ކަމަށެވެ. އަދި ކައުންސިލްއިން އެ އެދުނު ކަންތަކަށް އަވަސް ހައްލެއް ގެނެސްދިނުމުގެ ގޮތުން،ފެނަކައިން މިހާރު އެޚިދުމަތައް ބޯޓް ފަހަރަށް ލިބޭނެ އިންތިޒާމު ހަމައްޖައްސައިދިނުމަށް ނިންމާފައިވާކަމަށް ފެނަކައިން މިއަދު ބުންޏެވެ.
ފެނަކައިން ބުނީ، އެ ބައްދަލުވުމުގައި އައްޑޫ ސިޓގައި ކުރިޔަށް ގެންދާ ސެންޓްރަލް ޕަވަރ ސްޓޭޝަން ޕްރޮޖެކްޓާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވިކަމަށެވެ. އެގޮތުން ޕަވަރ ޕްލާންޓްގެ އެކްސްޓެންޝަނަށް ބޭނުންވާ ބިން ހޯދަން ކައުންސިލާއެކު މަޝްވަރާކުރެއްވި ކަމަށާއި، އިންޖީނުގެއަށް ބޭނުންވާ ބިން ލިބޭނެކަމުގެ ޔަގީންކަން ކައުންސިލުން ދިންކަމަށް ފެނަކައިން ބުންޏެވެ.
އައްޑޫ ސިޓީއަށް ކުރިމަތިވެފައިވާ ކަރަންޓް ކެނޑުމުގެ މައްސަލަ ހައްލުކުރުމަށް،32 މެގަވޮޓުގެ ޕަވަރ ޕްލާންޓެއް އައްޑޫ ސިޓީގައި ޤާއިމްކުރުމަށް ޗައިނާގެ ކުންފުންޏެއްކަމަށްވާ ޑޮންގްފަންގް އިލެކްޓްރިކް އިންޓަރނޭޝަނަލް ކޯޕަރޭޝަނާއި ފެނަކަ ކޯޕަރޭޝަނާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށް ފައެވެ.މިއެއްބަސްވުމުގެ ދަށުން ގާއިމުކުރާ ޕަވަރ ޕްލާންޓާއެކު އައްޑޫގެ ކަރަންޓުގެ މައްސަލައަށް ކުރިއަށް އޮތް 20 ނުވަތަ 25 އަހަރަށް ދާއިމީ ހައްލެއް އަންނާނެ ކަމަށް ފެނަކައިން މީގެ ކުރިން ބުނެފައި ވެއެވެ.
ދޮޅު އަހަރު ދުވަހުން ނިންމާ ގޮތަށް ޑޮންގްފަންގް އާ ހަވާލުކޮށްފައިވާ މި މިޕަވަރ ޕްލާންޓުން 50 މެގަވޮޓާ ހަމައަށް އައްޑޫ ސިޓީގެ ޕަވަރ ކެޕޭސިޓީ އަޕްގްރޭޑް ކުރެވިގެންދާނެއެވެ.



