މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސްގެ ޕަރމަނަންޓް ސެކްރެޓަރީކަމުގެ މަގާމަށް، ޑރ. ފާޠިމަތު މުނާ އައްޔަންކުރައްވައިފި އެވެ.
މުނާ އެމަގާމަށް އައްޔަންކުރެއްވީ މިއަދު ހެނދުނު އެ މިނިސްޓްރީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގަ އެވެ. ވަޒީރު އާދަމް ޝަރީފު ޢުމަަރު ބައިވެރިވަޑައިގެންނެވި މި ރަސްމިއްޔާތުގައި ޑރ. މުނާއަށް މަޤާމުގެ ލިޔުން ޙަވާލުކޮށް ދެއްވީ ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުޙައްމަދު ނާސިހް އެވެ.
މަގާމާއި މަސްއޫލިއްޔަތާއި ހަވާލުވެވަޑައިގަތުމަށް ފަހު، ޑރ.މުނާ ދެއްކެވި ވާހަކަފުޅުގައި އެ ކަމަނާއަށް ލިބިލައްވައިފައިވާ ތަޖުރިބާގެ އަލީގައި ޤާނޫނުން މަތިކޮށްފައިވާ ޒިންމާއާއި، މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރެއްވުމުގައި ސާބިތުވެ ހުންނަވާނެކަމަށް ވިދާޅުވި އެވެ. އަދި، ތަޖުރިބާ ލިބިފައިވާ ބޭފުޅުންގެ ތަޖުރިބާގެ އަލީގައި ސަރުކާރުން ވުޒާރާއާ މަތިކޮށްފައިވާ ޒިންމާތައް ވަޒީރު ބޭނުންފުޅުވެ ލައްވާ ގޮތަށް ޙާޞިލްކޮށްދެއްވުމަށް މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.


