ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަން(ޢެޗްޑީސީ)ގެ މުވައްޒަފުންނަށް ކުޑަކުދިން އަނިޔާއިން ރައްކާތެރިކުރުމާއި ގުޅޭ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި އެވެ.
މި ޕްރޮގްރާމްގެ ތެރެއިން، އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ވަނީ، ކުޑަކުދިން އަނިޔާއިން ރައްކާތެރިކުރުމާއި ކުޑަކުދިންނާއި މުވާސަލާތު ކުރުމާއި ގުޅޭގޮތުން ސެޝަންތަކެއް ނަގައިދީފަ އެވެ،
މިގޮތުން ކުޑަކުދިން އަނިޔާއިން ރައްކާތެރިކުރުމުގެ ސެޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އަނިޔާގެ ބާވަތްތަކާއި، ކުޑަކުއްޖަކަށް އަނިޔާ ލިބެމުންދާކަން ދެނެގަނެ، އެކަން ރިޕޯޓުކޮށް ކުއްޖާއަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި ފަރުދީ ޒިންމާ އަދާކުރުމާއި ގުޅޭގޮތުންނެވެ. މީގެ އިތުރުން ކުޑަކުދިންގެ ހެދިބޮޑުވުމަށް ނޭދެވޭ އަސަރު ނުކުރާނޭގޮތަށް އެކުދިންގެ އަޚުލާޤާއި ސުލޫކު ބައްޓަންކުރުމުގައި ގެންގުޅެވިދާނެ ހަރުދަނާ އުކުޅުތަކާއިމެދުވެސް މި ސެޝަންގައި މަޝްވަރާކޮށްފައި ވެއެވެ.
މުވާސަލާތުކުރުމުގެ ސެޝަންގައި އަލިއަޅުވާލާފައިވަނީ މުވާސަލާތު ކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކަށް ހައްލު ހޯދޭނެ ގޮތްގޮތުގެ މައްޗަށެވެ. އަދި ކުޑަކުދިންނާއި މުވާސަލާތު ކުރުމުގައި ޚާއްސަކޮށް ސަމާލުކަންދޭންވީ ކަންކަމާމެދުވެސް މަޢުލޫމާތު ހިއްސާކުރެވިފައިވެއެވެ.
އެޗްޑީސީން ދަނީ އެ ކުންފުނީގެ މުވައްޒަފުން ގާނޫނުތަކަށް އަހުލުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިދިޔަ ހަފްތާގައި އެ ކުންފުނީގެ ޑްރައިވަރުންނަށް ޓްރާންސްޕޯޓް ގާނޫނާއި އަދި މަގުމަތީގެ ރައްކާތެރިކަަމަށް އަހުލުވެރިކުރުވުމަށްވެސް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ފުލުހުންނާއި ގުޅިގެން ހިންގާފައި ވެއެވެ.



