ބިދޭސީންނާ ގުޅޭ ޖޫރިމަނާ ނުދައްކާ 7،501 ފަރާތްތަކަށް އެކްސްޕެޓް ސިސްޓަމަށް ނުވަދެވޭ ގޮތަށް ބްލޮކްކޮށްފި އެވެ.
ދާޚިލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަޖީދު އިބްރާހީމް ވިދާޅުވީ، ބިދޭސީންނާ ގުޅޭ އެއްވެސް ޖޫރިމަނާއެއް މިހާތަނަށް ނުދައްކާ 7،501 ފަރާތްތަކަށް އެކްސްޕެޓް ސިސްޓަމަށް ނުވަދެވޭ ގޮތަށް ބްލޮކްކޮށްފައިވާ ކަމަށާއި އެގޮތަށް ނިންމީ ފީތައް ނުދައްކާތީ ކަމަށެވެ. އެހެންނަމަވެސް ޕޭމަންޓްތައް ކްލިއާ ކުރުމުން އެ ފަރާތްތަކަށް އަލުން އެ ސިސްޓަމް ބޭނުން ކުރެވޭނެކަމަށް މަޖީދު ވިދާޅުވި އެވެ.
”ދައުލަތަށް ދައްކަން ޖެހޭ އެންމެ ރުފިޔާއެއް އޮތަސް އަޅުގަނޑުމެން ޖޫރިމަނާ ކުރާނަން.“ ސްޓޭޓް މިނިސްޓަރު މަޖީދު ވިދާޅުވި އެވެ.
ރާއްޖޭގައި ބިދޭސީންނަށް ވަޒީފާ ދީގެން ގެންގުޅޭ މީހުންނާއި ކުންފުނިތަކުގެ އަދަދު 50000 އަށްވުރެ މައްޗަށް އަރައެވެ. އޭގެ ތެރެއިން 90 އިންސައްތަ ނުވަތަ 45000 އަށްވުރެ ގިނަ ބަޔަކު ޤަވާއިދުން ފީ ނުދައްކާ ކަމަށް ދާޚިލީ ވުޒާރާއިން ބުނެފައި ވެއެވެ.
މަޖީދު ވިދާޅުވީ، އެއް އަހަރު ދުވަހަށް ބަހާލައިގެން ފައިސާ ދައްކަން މިހާތަނަށް 3،692 ފަރާތަކުން އެދިފައިވާ ކަމަށެވެ. ސްޓޭޓް މިނިސްޓަރު މަޖީދު ވިދާޅުވީ އެންމެ ބޮޑު އަދަދެއް ދައްކަން ޖެހޭ ފަރާތުން 23.2 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަަމަށާއި އެ އަދަދަށް ފައިސާ ދެއްކުމަށް އެއް އަހަރު ދުވަހުގެ މުއްދަތެއް ދީފާއިވާ ކަމަށެވެ.
ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބިދޭސީންނަށް ވަޒީފާ ދޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާގެ އަދަދު 100،000 ރުފިޔާއަށްވުރެ މަދުނަމަ އެފަރާތްތަކަށް ފައިސާ ދައްކާ ޚަލާސް ކުރުމަށް ދެ ހަފްތާގެ މުއްދަތެއްވެސް މިމަހުގެ 02ވަނަ ދުވަހު ދީފައި ވެއެވެ. އަދި، މި މުއްދަތުގައި ފައިސާ ނުދައްކާ ފަރާތްތަކުގެ ލިސްޓު އާންމުކޮށް، އިއުލާނުކޮށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެ ފަރާތްތައް ސަސްޕެންޑް ކުރާނެ ކަމަށް ވުޒާރާއިން މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.




