އދ. ގެ ނިޒާމުގެ ތެރޭގައި، ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވަމުންދާ މައިގަނޑު މައްސަލަތަކާގުޅޭ ކަންކަމުގައި މަސައްކަތްކުރުމަށް ދިވެހިރާއްޖެއިންް ތައްޔާރަށް އޮތްކަމަށް،ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާއެކު އދ ގެ މައި މަރުކަޒުގަ އިއްޔެ ބޭއްވެވި ބައްދަލުކުރެއްވުމެއްގަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އދ. ގެ ނިޒާމުގެ ތެރޭގައި ރާއްޖެއިން މިހާރަށްވުރެ ޙަރަކާތްތެރި ދައުރެއް އަދާކުރުމަށް، ޚާއްސަގޮތެއްގައި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވަމުންދާ މައިގަނޑު މައްސަލަތަކާގުޅޭ ކަންކަމުގައި މަސައްކަތްކުރުމަށް ތައްޔާރަށް އޮތްކަމަށް ވިދާޅުވެފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ދަރަނި ކުޑަކުރުމާއި މާލީ ޙާލަތު ރަނގަޅުކޮށް ދެމެހެއްޓެނިވި ޙައްލުތަކެއް ހޯދުމަށް ފިސްކަލް ރިފޯމް އެޖެންޑާއެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވި އެވެ. އަދި، ޤައުމަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކައް އަލިއަޅުއްވާލައްވައި، ރައީސްވަނީ، މިކަމުގައި ބައިލެޓަރަލް އަދި މަލްޓިލޭޓަރަލް ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ދިވެހިރާއްޖެއަށް ލިބުން މުހިންމުކަން ފާހަގަކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި އދ.ގެ ސެކްރެޓަރީ ޖެނެރަލް ވަނީ ބައިނަލްއަޤްވާމީ މައްސަލަތަކުގައި، ޚާއްސަކޮށް މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރޭވެ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކަށް ތަޢުރީފު ކުރައްވާފަ އެވެ. މިކަންތައްތަކުގެ އިތުރުން ރާއްޖެއަށް ކުރިމަތިވާ އެހެން މުހިންމު ކަންކަމުގައިވެސް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައި ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ރައީސުލްޖުމްހުރިއްޔާ ވަނީ ސެކްރެޓަރީ ޖެނެރަލްގެ ލީޑަރޝިޕްގެ ދަށުން، ދުނިޔޭގެ މަސްރަޙުގައި ބޮޑެތި މައްސަލަތަކަށް ބަހުސްކުރުމުގައި އެންމެހާ މެންބަރު ޤައުމުތަކަށް ހަމަހަމަ ފުރުޞަތު ދެއްވުމަށް ކުރައްވާ މަސައްކަތް ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ ނިއުޔޯކްގައި ހުންނަ އދ.ގެ މައިމަރުކަޒުގައި، އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގެ ހަވާސާގައެވެ.



