ދިވެހިރާއްޖެއާ ސައުދީ އަރަބިއްޔާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެތެރެއިން ކަމަށް،ނައިބު ރައީސް، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ސައުދީ އަރަބިއްޔާގެ 94 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަަކަފުޅުގަ އެވެ.
ރޭ ވިލާ ނޯޓިކާ، މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި، ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވަނީ، އާންމު އިސްލާމީ އާދަކާދަތަކުގެ މައްޗަށް ބިނާވެފައިވާ ދެ ޤައުމުގެ ގާތް ގުޅުމަށް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވަނީ މައިގަނޑު ގޮތެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިސްކޮށް ހުންނަވައިގެން ދޭދޭ ގުޅުން ބަދަހިކުރުމަށް މިހާރުވެސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ތެރެއިން ކަން، ނައިބު ރައީސް ފާހަގަ ކުރެއްވި އެވެ.
ނައިބު ރައީސް ވަނީ ނިމިދިޔަ ޙައްޖު މޫސުމުގައިވެސް ދިވެހި ޙައްޖާޖީންނަށް ސައުދީއިން ބެހެއްޓި އޯގާތެރިކަމާއި އަދާކުރި މެހުމާންދާރީ ފާހަގަކުރައްވާފަ އެވެ. އަދި، ސައުދީ ފަންޑް ފޮރ ޑިވަލޮޕްމަންޓް މެދުވެރިކޮށް، ރާއްޖެއަށް ލިބެމުންދާ އެހީއަށްވެސް ނައިބު ރައީސް ވަނީ އެ ޤައުމަށް ޝުކުރު އަދާކުރައްވާފަ އެވެ. މީގެ އިތުރުން، އިސްލާމީ އެއްބައިވަންތަކަން ކުރިއެރުވުމަށާއި، ދޭދޭ ގުޅުންތައް ބަދަހިކުރުމަށް ސަފީރު މަޠްރިކް ޢަބްދުﷲ އަލްއަޖަލައިން އަލްދޮސާރީ އާއި އެމްބަސީގެ ޓީމުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް، ނައިބު ރައީސް ވަނީ ޝުކުރު އަދާ ކުރައްވާފަ އެވެ.
ނައިބު ރައީސް ވަނީ ސައުދީ ރަސްގެފާނު، ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސައުދާއި، ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައުދާއި، ސައުދީ އަރަބިއްޔާގެ ސަރުކާރާއި ރައްޔިތުންނަށް ހިތުގެ އެންމެ ފުންމިނުން ތަހުނިޔާ ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވާފަ އެވެ.



