ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) ގެ އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑު މެންބަރުންނަށް ހާއްސަ ޕްރޮމޯޝަނެއް، އެބޭންކުން ފަށައިފި އެވެ.
މިއީ،ބީއެމްއެލް އާއެކު ގާއިމުކޮށްފައިވާ އެކްސްކުލޫސިވް ޕާޓްނަރޝިޕްގެ ދަށުން އެމެރިކަން އެކްސްޕްރެސްގެ ހިދުމަތް ދިވެހިރާއްޖޭގައި ދެމުން އަންނަތާ 20 އަހަރު ފާހަގަކުރުމަށް ކުރިޔަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ފެށި ޕްރޮމޯޝަނެކެވެ.
މިދިޔަ ޖުލައި މަހު ފެށި މި ސިލްސިލާ ހަރަކާތްތަތަކުގެ ތެރެއިން، މިއަދު އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑު މެންބަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ބީއެމްއެލްއިންވަނީ ހުޅުވާލާފަ އެވެ. މި ޕްރޮމޯޝަނުގެ ދަށުން ކާޑު މެންބަރުން މަދުވެގެން 3،000 ރުފިޔާގެ ވިޔަފާރިކުރުމުން 20،000 ބީއެމްއެލް ރިވޯޑްސް ޕޮއިންޓް ހޯދުމަށް ގުރުއަތެއްގައި ބައިވެރިވެވޭނެކަމަށް ބީއެލްއެމްއިން ބުންޏެވެ.
”ފްލައިޓް، ކާރު ނުވަތަ ހޮޓެލް ބުކް ކުރުމަށް ނުވަތަ ރާއްޖޭގެ ވިޔަފާރިތަކުންނާއި ނުވަތަ އެމެޒޯން، އެޕަލް އަދި ސްޕޮޓިފައި ފަދަ ރާއްޖޭން ބޭރުގެ މަރޗަންޓްތަކުން ގިފްޓް ކާޑު ގަތުމަށްވެސް ބީއެމްއެލް ރިވޯޑް ޕޮއިންޓް ބޭނުންކުރެވޭނެ.“ ބީއެމްއެލްއިން ބުންޏެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑައިރެކްޓަރ އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިންގ މޫސާ ނިމާލް ވިދާޅުވީ 2004 ވަނަ އަހަރު ރާއްޖެއަށް އެމެރިކަން އެކްސްޕްރެސްގެ ފުރަތަމަ ކްރެޑިޓް ކާޑު ތައާރަފްކޮށް އަދި އެއަށްފަހު ދުނިޔޭގެ ފުރަތަމަ އެމެރިކަން އެކްސްޕްރެސް ޑެބިޓް ކާޑު ބީއެމްއެލް އިން ތައާރަފްކުރެވުނުކަމީވެސް ބީއެމްއެލްއަށް ލިބުނު ފަޚުރެއްކަމަށެވެ. އަދި، 20 އަހަރުގެ އެކްސްކްލޫސިވް ޕަރޓްނާޝިޕް އާއެކު، އެމެރިކަން އެކްސްޕްރެސް އަކީ ދިވެހިންގެ މެދުގައި މަގުބޫލު އަދި އިތުބާރުކުރާ ބްރޭންޑެއް ކަމަށް ނިމާލް ވިދާޅުވި އެވެ.
”އެމެރިކަން އެސްޕްރެސް އިން އަބަދުވެސް އަޅުގަނޑުމެންގެ ކާޑު މެންބަރުންނަށް ހާއްސަ އޮފަރތައް ފޯރުކޮށްދޭ. އަޅުގަނޑުމެން މިފަހުން ތައާރަފްކުރި ރާއްޖޭގެ ފުރަތަމަ ޝަރުއީ ހަމަތަކަށްފެތޭ ކްރެޑިޓް ކާޑު ވެފައިވަނީ، އެކާޑުން ލިބޭ ހާއްސަ ފައިދާތަކާއެކު ކަސްޓަމަރުން ނުހަނު ބޮޑަށް ބޭނުންވާ ޕްރޮޓަކްޓަކަށް.“ ނިމާލް ވިދާޅުވި އެވެ.
ބޭންކް އޮފް މޯލްޑިވްސް އަކީ 345،000 އަށް ވުރެ ގިނަ ކަސްޓަމަރުންނާއި 7،900 އަށް ވުރެ ގިނަ މަރޗަންޓުންނާއެކު ރާއްޖޭގައި އެންމެ ގިނަ ކާޑު ދޫކުރާ އަދި ކާޑުގެ ހިދުމަތް ބަލައިގަންނަ ބޭންކެވެ. އަދި، ރާއްޖޭގައި އެމެރިކަން އެކްސްޕްރެސްގެ އެކްސްކްލޫސިވް އިޝުއަރ އަދި މަރޗަންޓް އެކުއަރިންގ ޕާރޓްނަރުވެސް މެއެވެ.



