ޖަޕާން އިންޓަރނޭޝަނަލް ކޯޕްރޭޝަން އޭޖެންސީ (ޖައިކާ)ގެ އެގްރިކަލްޗަރ ސްޓަޑީޒް ނެޓްވޯކް ފޮރ ފުޑް އެންޑް ސެކުރިޓީ 2025ގެ ދަށުން ދަނޑުވެރިކަމުގެ ދާއިރާއިން ތަމްރީނުވުމުގެ ސްކޮލަރޝިޕް ފުރުސަތުތަކެއް ހުޅުވާލައިފި އެވެ.
މިމިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން ބުނީ،މި ފުރުސަތަކީ މާސްޓަރސް ޑިގްރީ އަދި ޕީއެޗްޑީ ހާޞިލުކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލާފައިވާ ފުރުސަތުތަކެއް ކަމަށެވެ. މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ސްކޮލަރޝިޕަށް ހުޅަހެޅުމުގެ ފުރުސަތު ލިބެއެެވެ.
މި ސްކޮލަޝިޕްގެ ދަށުން މާސްޓަރސް ކޯހުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި، ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާޞިލުކޮށްފައިވުން، އަދި 1 އޭޕްރީލް 2025ގެ ނިޔަލަށް އުމުރުން 35 ފުރިފައި ނުވުން ހިމެނެއެވެ. އަދި ޕީއެޗްޑީ ކޯހުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި، ކޯހާއި ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާޞިލުކޮށްފައިވުން،އަދި އޭޕްރީލް 2025ގެ ނިޔަލަށް އުމުރުން 40 ފުރިފައި ނުވުން ހިމެނެއެވެ.
ޖައިކާގެ މި ސްކޮލަޝިޕަށް ހުޅަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، ފޮލް ޓްރާންސްކްރިޕްޓްގެ ކޮޕީ، މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ކޮޕީ، މުއްދަތު ހަމަނުވާ ޕާސްޕޯޓް ޑޭޓާ ޕޭޖްގެ ކޮޕީ، ޖައިކާ އެޕްލިކޭޝަން ފޯމާއި އެފޯމުގައި ބަޔާންކޮއްފައިވާ ތަކެތި، މިހާރު ހާޞިލް ކުރައްވާފައިވާ އެންމެ މަތީ ސެޓްފިކެޓް ހާޞިލް ކުރުމަށްފަހު ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް، ރަސްމީ ލިޔުމެއް ނުލިބިއްޖެނަމަ ސަބަބާއި މުއްދަތު އިނގޭނެ އަމިއްލަ ލިޔުމެއް، ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން އަދި މިނިސްޓްރީއިން ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވައިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކަމުން ގެންދާނެ ކަމަށް ބަޔާންކޮށް އެފަރާތުގެ ލިޔުމެއް ހިމެނެއެވެ.
އިތުރު މަޢުލުމާތު ސާފުކުރެއްވުމަށް 1474އަށް ގުޅުއްވައިގެން ނުވަތަ schol@mohe.gov.mv އަށް އީ-މެއިލް ކުރުމަށް މިނިސްޓްރީން އެދިފައި ވެއެވެ.




