ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮޖެކްޓް(ޕީއެސްއައިޕީ)ތައް ތަންފީޒުކުރުމުގެ ސްޓްރެޓެޖީތަކާއި ގުޅޭގޮތުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއެކު މުހިންމު މަޝްވަރާތަކެއް ބާއްވައިފި އެވެ.
މި މަޝްވަރާތައް ކުރިޔަށް ދިޔައީ، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް، އައިއެމްއެފްއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މިޝަންގެ މަންދޫބުންނާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމެއްގަ އެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ ޑރ. މުއްޠަލިބް ވަނީ ރާއްޖޭގައި މިވަގުތު ހިންގަމުންދާ އުމްރާނީ ތަރައްޤީގެ ބިޔަ މަޝްރޫޢުތަކާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވައި، އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމުގެ ޕްލޭންތައް ބަޖެޓުކުރެވިފައިވާ ގޮތާއި ގުޅޭގޮތުން އައިއެމްއެފްގެ މިޝަންގެ އިސްވެރިޔާއަށް މަޢުލޫމާތު ދެއްވާފަ އެވެ. އަދި، މިފަދަ މަޝްރޫއުތަކުގެ ސަބަބުން ދިވެހީންގެ ދިރިއުޅުމަށް ލިބިގެންދާނެ ލުއިފަސޭހަތަކާއި ދިވެހިރާއްޖޭގެ އުމްރާނީ ތަރައްޤީއަށް ލިބިގެންދާނެ ކުރިއެރުންތަކާއި ގުޅޭގޮތުންވެސް މިނިސްޓަރ އަލިއަޅުއްވާލެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި އައިއެމްއެފްގެ މަންދޫބުން ވަނީ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކާއި، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގައި ދިމާވެދާނެ ކަންކަމާއި ގުޅޭ ގޮތުން ޚިޔާލު ބަދަލުކުރައްވާފަ އެވެ. އަދި ރާޢްޖޭގެ މާލީ އަދި އިޤްތިސާދީ ދާއިރާގައި އައިއެމްއެފްއަށް އެހީތެރިވެވިދާނެ ގޮތްތަކާ ބެހޭ ގޮތުންވެސް އައިއެމްއެފްގެ މިޝަންއިން ލަފާދެއްވި އެވެ.



