ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ހުސައިން މުހައްމަދު ލަތީފް، ގދ. ނަޑެއްލާ ކައުންސިލާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީގެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި އޮތް މި ބައްދަލުވުމުގައި ނަޑެއްލާ ކައުންސިލްގެ މެމްބަރުން ވަނީ އެރަށުގެ ތަރައްޤީގެ އެންމެ ބޭނުންވާ ކަންކަމާ، ކުރިމަތިވާ ދަތި މައްސަލަތައް ނައިބު ރައީސް އާއި ހިއްސާ ކޮށްފައެވެ. ކައުންސިލް ފާހަގަ ކުރި ކަންކަމުގެ ތެރޭގައި، ރަށުގެ ބަނދަރު ކުޑަވުމުން ދިމާވާ މައްސަލަތަކާއި، ފެނާއި ނަރުދަމާގެ މަސައްކަތް ހުށްޓިފައި އޮތުމުން ދިމާވާ ދަތިތަކުގެ ވާހަކަ ހިމެނެއެވެ. މީގެ އިތުރުންވެސް ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކޮށް އެކަމަށް ހައްލެއް ހޯދައިދިނުމާއި، ޒުވާނުންގެ މަރުކަޒާއި، ފުޓްބޯޅަ ދަނޑުފަދަ، މަސައްކަތްފަށައި ނުނިމިހުރި ކަންކަން އަވަސްކޮށްދިނުން ހިމެނެއެވެ.
މި ބައްދަލުވުމުގައި ނައިބު ރައީސް ހުސައިން ވަނީ އެރަށުގެ ބަނދަރުގެ މަސައްކަތް އަވަސްކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ. މީގެއިތުރުން ކައުންސިލުން ފާހަގަކުރެއްވި އެހެނިހެން ކަންކަމުގައިވެސް، ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާ ކުރައްވާނެކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.



