ހުޅުމާލޭގެ މަގުތައް ޒީނަތްތެރި ކުރުމަށް، ހުޅުމާލޭގެ 17 ސަރަހައްދެއްގައި ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން ބަހައްޓާ މޮނިއުމަންޓްތައް ޑިޒައިންކުރުމުގެ ފުރުސަތު، އެކުންފުނިން ހުޅުވާލައިފި އެވެ.
ދިވެހި އާޓިސްޓުންނާއި، ޑިޒައިނަރުން އަދި އާކިޓެކްޓުންނަށް ހުޅުވާލައިގެން މޮނިއުމެންޓް ޑިޒައިން ކުރުމުގެ މުބާރާތެއްގެގޮތުގައި ކުރިޔަށްގެންދަން ނިންމާފައިވާއިރު، މި މުބާރާތުގައި ޕްރޮފެޝަނަލް އާޓިސްޓުންނާއި، ޑިޒައިނަރުން އަދި އާކިޓެކްޓުންގެ އިތުރުން އެ ދާއިރާތަކުން ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް ބައިވެރިވެވެއެވެ. މި މުބާރާތުގައި 18 އަހަރުން މަތީގެ ވަކިވަކި ފަރުދުންނަށް ނުވަތަ 5 މީހުންގެ ގްރޫޕަކުންވެސް ޑިޒައިންތައް ހުށަހެޅިދާނެކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.
އެޗްޑީސީންބުނީ،އަންނަ މަހުގެ 30 ވަނަ ދުވަހުގެ 15:00އާ ހަމަޔަށް މި މުބާރާތުގައި ބައިވެރިވުމަށް ޑިޒައިން ހުށަހެޅުމުގެގެ ފުރުސަތު ދޭނެކަމަށެވެ. އަދި، އެ ކޯޕަރޭޝަނަށް ލިބޭ ހުށަހެޅުންތަކުގެ ތެރެއިން، އެންމެ ފުރިހަމަ ޑިޒައިން ހުށަހަޅާ ފަރާތަކަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމާފައިވާކަމަށްވެސް އެޗްޑީސީން ބުނެފައި ވެއެވެ.
މި މުބާރާތުގައި ބައިވެރިކުރާ ޑިޒައިންތައް ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް، marketing@hdc.mv އަށެވެ. މުބާރާތާ ގުޅޭ އިތުރު މައުލޫމާތު އެ ކޯޕަރޭޝަންގެ ވެބްސައިޓުން ލިބެން އެބަހުއްޓެވެ. އަދި، އީމެއިލް މެދުވެރިކޮށް ވެސް އިތުރު މައުލޫމާތު ސާފުކުރެވޭނެއެވެ.
މޮނިއުމެންޓް ޑިޒަންއިންކުރުމުގެ މުބާރާތަކީ، ދިވެހި ފަންނުވެރިންގެ ބައިވެރިވުމާއެކު، ”ދިވެހިންގެރާއްޖެ“ ތީމްއާ ގުޅޭ ގޮތަށް، ރާއްޖޭގެ ސަގާފަތާއި، އިސްލާމީ ތާރީހު އަދި ދިވެހިންގެ އާދަކާދަ ރަމްޒުކޮށްދޭ ބިނާތަކެއް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓުމުގެ މަގުސަދުގައި ކުރިޔަށް ގެންދާ މުބާރާތެއްކަމަށް އެޗްޑީސީން ބުންޏެވެ. އަދި، އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަނީ، ހުޅުމާލެއަކީ ރައްކާތެރި އަދި ހިތްފަސޭހަ ތަނަކަށް ހެދުމާއެކު ހުޅުމާލޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ލުއިފަސޭހަ ގޮތްތައް މަގުފަހިކޮށްދިނުމަށްކަމަށްވެސް އެޗްޑީސީން ބުނެފައި ވެއެވެ.



