ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަވަހާރަކޮށްލާނެ ކަމަށް ބުނެ އިންޒާރު ދިން މީހެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ރައީސް ޑރ. މުއިއްޒު އދ. ގެ އާންމު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ދިޔަ މަންޒަރު ދައްކައިދިން ފޭސްބުކް ލައިވް ސްޓްރީމް އަކަށް ކުރި ކޮމެންޓެއް މެދުވެރިކޮށް ރައީސަށް މަރުގެ އިންޒާރު ދީފައިވަނީ ”އަބްލޯރ މިޔާދް ޔޫސުފް“ ނަމަކަށް ކިޔާ އެކައުންޓަކުންނެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި، އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުޤީގު ކުރަން ފަށާފައިވާ ކަމަށެވެ.




