ދިވެހިރާއްޖޭގައި ކަނޑުގެ އޮއިން ހަކަތަ އުފެއްދުމަށާއި، އައު ބާވަތްތަކުގެ އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް އިންވެސްޓަރުން ހޯދަމުންދާކަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އދ. ގެ ޢާންމު މަޖިލީހުގެ ހަވާސާގައި، އިއާދަކުރަނިވި ހަކަތައާ ގުޅޭގޮތުން ދިވެހިރާއްޖެއިން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާވަނީ ދިވެހިރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް އިންވެސްޓުކުރުމަކީ، ފައިދާ ކުރަނިވި ވިޔަފާރީގެ ފުރުޞަތަކަށް ވާނޭކަންވެސް ފާހަގަކުރައްވާފަ އެވެ. އަދި، ދިވެހިރާއްޖޭގައި ކަނޑުގެ އޮއިން ހަކަތަ އުފެއްދުމަށާއި، އައު ބާވަތްތަކުގެ އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް އިންވެސްޓަރުން ހޯދަމުންދާކަން، އިއުލާނުކުރެއްވި އެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، ކޮޕް28 އިން ފެށިގެން މިހާތަނަށް ދިވެހިރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު، 53 މެގަވޮޓުން 68 މެގަވޮޓަށް އިތުރުކޮށްފައިވާކަން ފާހަގަކުރައްވައި، 2030 ވަނަ އަހަރާ ހަމައަށް ނެޓް-ޒީރޯ އެމިޝަންސްއަށް ވާޞިލުވުމަށް އެކުލަވާލާފައިވާ ރޭވުންތަކުގެ ތަފްސީލު ބައްދަލުވުމުގެ ބައިވެރިންނާ ޙިއްސާކުރެއްވި އެވެ. މީގެ ތެރޭގައި އިރުގެ އައްޔާއި ވައި އަދި އެނޫންވެސް އިއާދަކުރަނިވި ވަޞީލަތްތަކުން ހަކަތަ އުފެއްދުމަށް އިންވެސްޓްކުރުމާއެކު، އިރުގެ އަލިން ހަކަތަ އުފެއްދުމުގެ ނިޒާމުތައް އިތުރުކޮށް، ހަކަތައިގެ ގޮތުގައި ފޮސިލް ފިއުލް ބޭނުންކުރާ މިންވަރު މަދުކުރުމަށް ޤަސްދުކުރައްވާފައިވާ ގޮތްވެސް ޙިއްސާކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަމާޒުތަކަށް ވާޞިލުވުމަށްޓަކައި، ކުނިން ހަކަތަ އުފައްދާ ނިޒާމެއް އައްޑޫ ސިޓީގައި ޤާއިމްކުރައްފައިވާ ކަމަށާއި 13 މެގަވޮޓުގެ އިތުރު ނިޒާމެއް ތިލަފުށީގައި ތަރައްޤީކުރައްވަމުން ގެންދަވާކަމަށެވެ. އަދި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ ދަތުރުފަތުރުގެ ނިޒާމުތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދަވާ ކަމަށްވެސް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މޫސުމާ ގުޅޭ މާލީ އެހީ އަތްފޯރާފަށަށް ގެނައުމަށް ގޮވާލައްވާފަ އެވެ. އަދި ނިއު ކަލެކްޓިވް ކުއަންޓިފައިޑް ގޯލްގައި ވާފަދައިން، އަވަސް މުއްދަތެއްގެ ތެރޭގައި ފައިސާ ދޫކުރެވޭނެ ގޮތްތައް ހިމެނުމަށްވެސް ގޮވާލެއްވި އެވެ. މީގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ކުޑަކުރުމަށާއި، އެ ބަދަލުތަކަށް ހޭނުމަށާއި، އަދި މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުމުން އަރައިގަތުމަށް މާލީ އެހީތެރިކަން ލިބޭނެ ގޮތްތައް ހިމަނަންވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި މިހުރިހާ މަސައްކަތެއްވެސް 1.5 ޑިގްރީގެ އަމާޒަށް ވާސިލުވާނޭ ފަދައިން ބައްޓަންކުރަންވާނެ ކަމަށް ވިދާޅުވި އެވެ.
އިއާދަކުރަނިވި ވަޞީލަތްތަކުން ހަކަތަ އުފެއްދުމަކީ، މޫސުމީ ވިލުންތެރިކަން އިތުރުކޮށް، އިޤްތިޞާދު ހަރުދަނާކޮށް، ވިލުންތެރި މުޖުތަމަޢަކަށް މަގުފަހިކޮށްދޭނޭ ކަމެއް ކަމަށް، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ދިވެހިރާއްޖެއިން މިކުރާ މަސައްކަތްތަކުން ހިތްވަރުލިބިގެން، އިތުރު ޤައުމުތަކުންވެސް އިއާދަކުރަނިވި ވަޞީލަތްތަކުން ހަކަތަ އުފެއްދާނެކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވި އެވެ.



