ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އަންނަ ޑިސެމްބަރު މަހު ހުޅުވާނެ ކަމަސް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ފައިސަލް މިހެން ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖެއްގައެވެ.
ފަތުރުވެރިކަމަށް މިވަގުތު އެންމެ ބޮޑަށް ބޭނުންވަނީ ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް އޮޕަރޭޝަނަށް އައުންކަމަށް މިނިސްޓަރ ދެއްވި މެސެޖުގައި ވިދާޅުވިއެވެ. އަދި މިހާރު މަސައްކަތްތައް ކުރިޔަށްދާގޮތަށް ބަލާއިރު، ޑިސެމްބަރު މަހުގެ ތެރޭގައި ޓާމިނަލް އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.
ވެލާނާ އެއާޕޯޓުގައި ތަރައްޤީކުރާ އާ ޓާމިނަލް އަކީ 78 ހާސް އަކަމީޓަރު ބޮޑު ޓާމިނަލެއް ކަމަށާއި، މި ޓާމިނަލުން ކޮންމެ އަހަރަކު 7 މިލިއަން ޕަސެންޖަރުންނަށް ހިދުމަތްދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއާޕޯޓުގައި މިހާރު ބޭނުންކުރާ ޓާމިނަލް އަކީ އަހަރަކު 1.5 މިލިއަން ޕަސެންޖަރުންނަށް ހިދުމަތް ދެވޭ ޓާމިނަލްއެކެވެ.
ފައިސަލް ވިދާޅުވީ އާ ޓާމިނަލް އޮޕަރޭޝަނަށް އަންނަ އިރު، ރާއްޖެއަށް އިތުރު އެއާލައިންތަކުގެ ދަތުރުތައް ފެށުން މުހިންމު ކަމަށާއި، މާކެޓިން ހަރަކާތްތައްވެސް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި ގުޅިގެން ކުރިޔަށް ގެންދިޔުމަށް ރާވާފައިވާ ކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ.
ފަތުރުވެރިކަމުގެ ސިނާއަތުން ދައުލަތަށް މިހާރު 4.5 ބިލިއަން ޑޮލަރު ލިބެމުން އަންނަ އިރު، އަމާޒަކީ 2027 ވަނަ އަހަރު އަންނަންވާއިރަށް އެ އަދަދު 6 ބިލިއަން ޑޮލަރަށް އިތުރުކުރަންކަމަށް މިނިސްޓަރ ފައިސަލް ދެއްވި މެސެޖުގައި ވިދާޅުވިއެވެ.
އާ ޓަމިނަލް ހުޅުވުމަށް މިހާރު އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާއިރު، އެ ޓާމިނަލް ތަރައްޤި ކުރަމުންދަނީ އެންމެ ފަހުގެ ވަސީލަތްތަކާއިއެކު ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެގޮތުން އެއިރޯ ބޯޑިން ބްރިޖުތަކާއި، ޒަމާނީ ބެގޭޖް ހޭންޑްލިން ސިސްޓަމް ތަށް އަލަށް ހުޅުވާ 78 ހާސް އަކަމީޓަރު ޓާމިނަލްގައި ހުންނާނެއެވެ.




