ދުނިޔެ ސަލާމަތްކޮށް، ތިމަވެށި ރައްކާކުރުމަށްޓަކައި ފަތުރުވެރިކަމުގެ ސިނާއަތުގައި ދެމެހެއްޓެނިވި ގޮތަތަތް އިހުތިޔާރު ކުރަންޖެހޭ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.
އިންޑިއާޓައިމްސް ނޫހަށް އަދީބު ލިޔުއްވި އާޓިކަލްއެއްގައި އޭނާ ވިދާޅުވީ ފަތުރުވެރިކަން މިހާރު އޮތްގޮތުން ގުދުރަތީ ވަސީލަތްތަކާއި، ތިމާވެއްޓައް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ.
ތިމާވެއްޓަށް ގެއްލުން ވުމުގެ އިތުރުން، ފަތުރުވެރިކަމުގެ ސަބަބުން ބައެއް ޤައުމުތަކުގެ އާންމު ދިރުއުޅުމުގެ ވައްޓަފާޅިއަށް އަސަރު ކުރާ ކަމަށްވެސް އަދީބު ފާހަގަކުރެއްވިއެވެ. އެގޮތުން ބައެއް ޤައުމުތަކުގައި ގެންގެޅުމުން އަންނަ ސަގާފަތްތައް ނެތުމުގެ ބިރުވެސް އެބައޮތް ކަމަށް އަދީބު ވިދާޅުވިއެވެ. މިސާލެއްގެ ގޮތުގައި އަދީބު ނެންގެވީ ސްޕެއިންގެ ބާސެލޯނާގައި މިފަހުން ފަތުރުވެރިކަމާއި ދެކޮޅަށް ކުރި މުޒާހަރާތަކެވެ. ބާސެލޯނާ އަކީ އަހަރަކު އެތަށް މިލިއަން ޓޫރިސްޓުންނެއް ޒިޔާރާތް ކުރަމުން އަންނަ، ފުޅާ ދާއިރާއެއްގައި ފަތުރުވެރިކަން އޮންނަ ސިޓީއެކެވެ. މީގެ ސަބަބުން ބާސެލޯނާގެ އާންމު ރައްޔިތުންގެ ދިރުއުޅުމުގެ ހާލަތަށް އަސަރު ކުރަމުންދާ ކަމަށް އެ ސިޓީގައި ދިރިއުޅޭ މީހުން ދަނީ ބުނަމުންނެވެ. އެގޮތުން ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެ، ކުލީގެ އަގު އިންތިހާޔަށް ވަނީ އުފުލިފައި ކަމަށް އެފަރާތްތަކުން ބުނެއެވެ. މިދިޔަ އަހަރު ތެރޭގައި އެކަނިވެސް ބާސެލޯނާގެ ގެތަކުގެ ކުލީގެ އަގު ވަނީ 18 ޕަސެންޓައް ބޮޑުވެފައެވެ.

މިފަދަ ކަންކަމުގެ ހައްލެއް ގޮތުގައި އަދީބުގެ ލިޔުމުގައި އޭނާ ފާހަގަކުރެއްވީ ފަތުރުވެރިކަމުގައި ދެމެހެއްޓެނިވި ގޮތްތައް އިހުތިޔާރު ކުރުމެވެ. ދެމެހެއްޓެނިވި ފަތުރުވެރިކަމާއިއެކު، ޗުއްޓީ ހޭދަކުރުމުގައި އިކޯ-ފްރެންޑްލީ ގޮތްތައް އިހުތިޔާރު ކުރުމަށް ފަތުރުވެރިނަންށް ބާރު އެޅޭނެ ކަމަށް އަދީބު ވިދާޅުވިއެވެ. އަދި އޭގެ ސަބަބުން، ފަތުރުވެރިނަންނާއި، އެ ފަރާތްތަކުން ޒިޔާރާތް ކުރާ ޤައުމު ތަކުގެ އާންމު ރައްޔިތުންނާއި މެދު މައްސަލަތަކެއް ނުޖެހި ފަތުރުވެރިކަން ކުރިއެރުވޭނެ ކަމަށް އަދީބު ވިދާޅުވިއެވެ.
އެގޮތުން މިހާރުވެސް ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރަމުން އަންނަ ނޯރވޭ އަށް ނަޒަރު ހިންގާލުމަށް އަދީބު އެދުނެވެ. އޭނާ ބުނީ ނޯރވޭގައި ފަތުރުވެރިން ތިބެނީ އިކޯ-ފްރެންޑްލީ ލޮޖް ތަކުގައި ކަމަށާއި، އަދި ދަތުރުފަތުރަށް އެމީހުން ބޭނުން ކުރަނީ ބައިސްކަލު ނުވަތަ އިލެކްޓްރިކް ކާރު ކަމަށެވެ.

އޭގެ އިތުރުންވެސް ގިނަ ޤައުމުތަކެއްގައި ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރި އަރުވަން އަންނަ ކަމަށް އަދީބު ފާހަގަކުރެއްވިއެވެ. އެގޮތުން އެ ޤައުމުތަކަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ އަދަދު ލިމިޓު ކުރުމާއި، ސިންގަލް ޔޫސް ޕްލާސްޓިކް ބޭން ކުރުން ފަދަ އުސޫލުތައް ތަންފީޒުކުރަމުން އަންނަ ކަމަށް އޭނާ ބުންޔެވެ.
“ މިސާލެއްގެ ގޮތުން ބޫޓަން އަށް ބާލާއިރު، އެ ޤައުމަށް ޒިޔާރާތް ކުރެވޭ ފަތުރުވެރިންގެ އަދަދު އޮންނަނީ ލިމިޓުކޮށްފައި. އަދި އެމީހުންގެ އަތުން ސަސްޓޭނެބަލް ޓޫރިޒަމް ފީގެ ގޮތުގައި ދުވާލަކު ކޮންމެވެސް ވަރެއް ނަގަމުންދޭ. “ އަދީބު ވިދާޅުވިއެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅިގެން އަދީބު ލިޔުނު މި އާޓިކަލް ނިންމާލަމުން އޭނާ ވިދާޅުވީ ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވޭނީ ފަތުރުވެރިންނާއި، އިންޑަސްޓްރީގެ ލީޑަރުންނާއި، ސަރުކާރުތަކުގެ ވިސްނުން ބަދަލުކޮށް، އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ. އަދި އެންމެން ގުޅިގެން، ދެމެހެއްޓެނިވި، ސުލްހަވެރި ގްލޯބަލް ޓްރެވަލް އިންޑަސްޓްރީއެއް އުފައްދަން ޖެހޭ ކަމަށް އޭނާ ބުންޔެވެ.



