މިފްކޯއިން ސީ.އެސް.އާރުގެ ދަށުން ކުރިއަށްގެންދާ ”ރަސްއައިން“ ގެ ބާވަތްތައް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފި އެވެ.
ރަސްއައިންގެ ބާވަތްތަކުގެ ތެރޭގައި މަހުން އުފައްދާ (އަގުއެއް ކުރެވިފައިވާ) ދިވެހި ކާނާގެ ބާވަތްތައް ހިމެނޭއިރު އޭގެތެރޭގައި އަތުޖެހި، ހަނޑުލު ގުޅަ އަދި ތެލުލި ބަޖިޔާ ފަދަ ބާވަތްތައް ހިމެނެއެވެ.
މިފްކޯއިން މިއަދު މިބާވަތްތައް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފައިވާއިރު، މީގެ މަގުސަދަކީ މަހުގެ ބާވަތްތައް އުފައްދާ ކުދި ވިޔަފާރިތަކަށް އިތުރު ފުރުޞަތުތައް ހޯދައިދިނުމާއި، އެ ފަރާތްތަކުގެ ވިޔަފާރި ފުޅާކުރުމަށް އެހީތެރިވެދިނުން ކަމުގައި އެކުންފުނިން ބުނެފައިވެ އެވެ.
މިކަމާ ގުޅޭ ގޮތުން މިފްކޯގެ ބިޒްނަސް ޑިވެލޮޕްމަންޓް ޖެނެރަލް މެނޭޖަރު އައިމިނަތު ސަނިއްޔާ ޝަރީފް ވިދާޅުވީ ކުރިން މި ޕްރޮގްރާމް މެދު ކަނޑާލަން ޖެހުނީ ކޯވިޑް-19 ގެ ހާލަތާ ގުޅިގެން ކަމަށާއި އޭރު މައިގަނޑު ގޮތެއްގައި ޅ.ހިންނަވަރާއި އެ އަތޮޅު ނައިފަރުގެ އާންމު ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް މިޕްރޮގްރާމަށް ލިބިގެން ދިޔަ ކަމަށެވެ. އަދި މިފަހަރުގެ އަމާޒަކީ މުޅި ރާއްޖެއަށް މިޕްރޮގްރާމް ހުޅުވާލައިގެން އެކި އަތޮޅުތަކުން ވެސް މި ޕްރޮގްރާމުގައި ބައިވެރިކުރުވުމަށް ބާރުއެޅުވުން ކަމަށެވެ.
”މި މަސައްކަތް އަޅުގަނޑުމެން އަލުން މި ފަށަނީ. އިރާދަކުރެއްވިއްޔާ މި ޕްރޮގްރާމް އިތުރަށް ފުޅާކޮށް، ރަނގަޅު ފެންވަރެއްގެ ޕްރޮޑަކްޓް ރޭންޖަކަށް މިކަން ގެންދާނަން. މިސާލަކަށް ހޮވޭ ބޭފުޅުންނަށް އަޅުގަނޑުމެން ހެޔޮއަގެއްގައި ކުނޑިމަސް ފޯރުކޮށްދޭނަން. އެގޮތަށް ވަރަށް ގިނަ ބާވަތްތަކުން ރަނގަޅު އަގެއް ދެވޭނެ.“ ސަނިއްޔާ ވިދާޅުވިއެވެ.
މި މަސައްކަތަށް ހޮވޭ ފަރާތްތަކުން އާންމުންގެ މެދުގައި އިތުބާރު ހޯދާފައިވާ މިފްކޯގެ ރޯ މެޓީރިއަލް ބޭނުންކޮށްގެން ގިނަ ބާވަތްތައް އުފެއްދުމަށް ބާރުއަޅާނެ ކަމަށާއި އެންމެ ބޮޑު އަމާޒަކީ އާ ގިނަ ބާވަތްތައް ބާޒާރަށް ނެރުން ކަމަށް ސަނިއްޔާ ވިދާޅުވި އެވެ.
މިފްކޯއިން ވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން، ގޭގައި ކާބޯތަކެތި ތައްޔާރުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން ދޫކޮށްފައިވާ ހުއްދައިގެ ކޯޑާއި، ސަޕްލައި ކޮށްދެވިދާނެ ބާވަތްތަކުގެ ނަމާއި އޭގައި އެކުލެވޭ ބައިތަކުގެ ތަފްޞީލާއި، ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު އަދި ކޮންމެ ބާވަތަކުން 500 ގްރާމްގެ ސާމްޕަލް ހިމެނޭހެން ޕްރޮޕޯސަލް ހުށަހެޅުމަށް އެދިފައެވެ.
އެކުންފުނިން ވަނީ ހުށަހެޅޭ ޕްރޮޕޯސަލްތަކުގެ ތެރެއިން ހޮވޭ ފަރާތްތަކަށް އިތުރު އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ބުނެފަ އެވެ.
މި މަހުގެ 7 ވަނަ ދުވަހުގެ މެންދުރު ފަހު 14:00 އާއި ހަމައަށް ޕްރޮޕޯސަލް ހުށަހެޅޭނެ ކަމަށާއި މިފްކޯގެ ކޯޕަރޭޓް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ bid@mifco.mv އަށް ޕްރޮޕޯސަލްތައް ފޮނުވޭނެ ކަމަށް ވެސް މިފްކޯއިން އާއްމުކޮށްފައިވާ އިއުލާނުގައި ބުނެފައިވެ އެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށް މިފްކޯގެ 3323932 އަށް ގުޅުއްވުމަށް އެކުންފުނިން ވަނީ އެދިފަ އެވެ.



