ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރުމަށް ރާއްޖޭގެ އެންޓި-ކޮރަޕްޝަން ކޮމިޝަނާ ހޮންކޮންގެ އިންޑިޕެންޑެންޓް ކޮމިޝަން އަގެއިންސްޓް ކޮރަޕްޝަން (އައިސީއޭސީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ހޮންކޮންގެ އައިސީއޭސީ އަކީ، ކޮރަޕްޝަނާއި މަނީ ލޯންޑްރިންގެ ތަޙުޤީޤުކުރުމާއި ކޮރަޕްޝަން ވިޔަނުދިނުމުގެ (ޕްރިވެންޝަން) އިތުރުން ކޮރަޕްޝަނާއި ދެކޮޅަށް މުވައްޒަފުން ބިނާކުރުމުގައި ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައި މަސައްކަތް ކުރާ އިދާރާއެކެވެ.
ހޮންކޮންގެ އައިސީއޭސީގެ މައި އިދާރާގައި މިދިޔަ މަހުގެ 10 ވަނަ ދުވަހު ސޮއިކޮށްފައިވާ މިއެއްބަސްވުމުގެ ދަށުން ކޮރަޕްޝަނާއި މަނީ ލޯންޑްރިންގެ ތަހުޤީޤުތަކާއި ގުޅޭ މަޢުލޫމާތު ބަދަލު ކުރުމާއި، ކޮރަޕްޝަނާއި މަނީ ލޯންޑްރިންގެ ކުށުގެ ސަބަބުން ގެއްލޭ މުދަލާއި ފައިސާ ހޯދައި އިޢާދަ ކުރުމުގައި އެކުގައި މަސައްކަތް ކުރުމާއި ކޮރަޕްޝަނާއި މަނީ ލޯންޑްރިންގެ ކުށްކުރާ ގޮތާ ގުޅޭ ކަންކަން ދެނެގަތުމުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުމާއި އެކަންތައްތައް ވިޔަނުދިނުމަށް (ޕްރިވެންޝަން) އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެ އެވެ.
ހަމައެއާއިއެކު، ކޮރަޕްޝަންގެ ކުށް ހުއްޓުވުމާއި ތަޙުޤީޤު ކުރުމާ ގުޅުންހުރި މުވައްޒަފުން ތަމްރީނުކުރުމުގައި އެހީތެރިކަމާއި އެއްބަރުލުން ދިނުމާއި ދެ ފަރާތް ގުޅިގެން ކޮރަޕްޝަނާއި މަނީ ލޯންޑަރިންގ ހުއްޓުވުމާއި މަނާކުރުމާ ގުޅުންހުރި ފޯރަމްތަކާއި، ސެމިނަރތަކާއި، ކޮންފަރެންސްތަކާއި ވަރކްޝޮޕްތައް ބޭއްވުމާއި އެފަދަ ކަންކަމުގައި ބައިވެރިވުން ވެސް ހިމެނެ އެވެ.
މީގެއިތުރުން ވެސް ކޮރަޕްޝަނާއި މަނީ ލޯންޑްރިންއާއި ދެކޮޅަށް މަސައްކަތްކުރުމުގައި ”ބެސްޓް ޕްރެކްޓިސް“ތަކުގެ މަޢުލޫމާތު ބަދަލުކުރުމާއި، ދެކޮމިޝަން ގުޅިގެން ދިރާސާކުރުމުގެ އިތުރަށް ދެ ފަރާތްގުޅިގެން މުޖުތަމަޢާއި ފަރުދުންނާއި މުއައްސަސާތަކުގެ ނަޒާހަތްތެރިކަން ކުރިއެރުވުމަށް މަސައްކަތްކުރުން ވެސް ހިމެނެ އެވެ.
މިފަހުމުނާމާގައި އޭސީސީގެ ފަރާތުން ކޮމިޝަނުގެ ރައީސް އާދަމް ޝާމިލު ސޮއިކޮށްފައިވާއިރު، އައިސީއޭސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަނުގެ ކޮމިޝަނަރ، ޑެނީ ޔެންގ މިންގ ވޫ އެވެ.



