ނުރައްކާތެރި އެކްސިޑެންޓެއްގައި އަންހެނަކު ވިއްސައިގެން ގޮސް ބޮލަށް އަނިޔާތަކެއް ވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ރޭގައި ވިދާޅުވީ ރޭ 10:11 ހާއިރު ސިނަމާލޭ ބްރިޖުން ފައިބައިގެން ކޮއިމަލާ ހިނގުމަށް އެޅި ސައިކަލަކާއި، ބޮޑުތަކުރުފާނު މަގުން ބްރިޖާވީކޮޅަށް ދުއްވާފަ ދިޔަ ސައިކަލެއް ޖެހި އެކްސިޑެންޓު ވެފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި ސައިކަލު ފަހަތުގައި އިން އަންހެނަކު ވިއްސައިގެން ގޮސް ވެއްޓި ބޮލަށް އަނިޔާވެގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންގޮސްފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވެފައިވެއެވެ.
މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.




