ސިނާއީ ބޭނުމަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބީލަމުގެ އުސޫލުން ބިން ވިއްކުމަށް ހުޅުމާލޭ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފި އެވެ.
މިކަމާ ގުޅޭގޮތުން އެޗްޑީސީ އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މިގޮތުން ވިއްކުމަށް ހުޅުވާލާފައިވަނީ 3,689 އަކަފޫޓާއި 3,746 އަކަފޫޓާ ދެމެދުގެ 12 ބިން ކަމަށެވެ.
ހަމައެކަނި ދިވެހިންނަށް ކުރިމަތިލެވޭ ގޮތަށް ވިއްކަން ހުޅުވާލާފައިވާ މި ބިންތަކަށް، އުމުރުން 18 އަހަރުވެފައިވާ ކޮށްމެ ދިވެހި ރައްޔިތަކަށް ވެސް ބީލަން ހުށަހެޅިދާނެ ކަމަށާއި ބީލަން ހުށަހަޅަނީ ކުންފުންޏަކުންނަމަ، އެ ކުންފުންޏަކީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ %100 ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމުގައިވާންވާނެ ކަމަށް ވެސް އެޗްޑީސީގެ ބަޔާނުގައިވެއެވެ.
މީގެއިތުރުން އެޗްޑީސީން ބުނީ، ބިން ވިއްކުން ކުރިއަށް ގެންދަނީ ދެ މަރުހަލާ އަކަށް ބަހާލައިގެން ކަމަށާއި ފުރަތަމަ މަރުހަލާ އަކީ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީ އޯ އައި) ހުށަހެޅުން ކަމަށެވެ. އަދި ދެވަނަ މަރުހަލާއަކީ ގަންނަން ކަނޑައަޅާފައިވާ ބިމަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އީ އޯ އައި ހުށަހަޅާފައި ވާނަމަ، ބިޑް ކުރުން ކަމުގައިވެސް ބުނެފައިވެއެވެ.
ބިންތަކުގެ ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 7،500ރ. އެވެ. ކޮންމެ ފަރާތަކަށްވެސް ޖުމްލަ 03 ބިން ގަނެވިދާނެ ކަމަށް ވެސް އެޗްޑީސީން ބުނެފައިވެއެވެ.
ބީލަންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މި އެޗްޑީސީގެ އޮންލައިން ބިޑް ޕޯޓަލް: https://bids.hdc.mv މެދުވެރިކޮށެވެ. އެގޮތުން، މިހާރު ވިއްކުމަށް ހުޅުވާލެވިފައިވާ ބިންތަކުގެ މައުލޫމާތު ބިޑް ޕޯޓަލް މެދުވެރިކޮށް ލިބެން ހުންނާނެއެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު، މި އެޗްޑީސީގެ ހޮޓްލައިން ނަންބަރު 1516 އަށް ގުޅުއްވައިގެން ވެސް ސާފުކުރެއްވޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.



