މާލޭގައި ކެމިކަލް ރައްކާކުރާ ތަންތަނާއި ވިޔަފާރިކުރާ ތަންތަން ހުރިތޯ ބެލުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ހިންގާ ”އޮޕަރޭޝަން ހިރާސް ފާސް“ ގެ ދަށުން ގިނަ އަދަދެއްގެ ތަންތަން ބަލައިފި އެވެ.
ޑިފެންސް މިނިސްޓްރީން މީސްމީޑިއާގައި ހިއްސާ ކުރި ޕޯސްޓެއްގައި ބަޔާންކޮށްފައި ވަނީ ހާމަކޮށްފައިވާ ގޮތުގައި މި އޮޕަރޭޝަންގެ ފުރަތަމަ ތިން ދުވަހުގެ މަތިން، އިންސްޕެކްޝަން ޓީމްތަކުން ވަނީ، މީހުން ދިރިއުޅޭ 347 އިމާރާތާއި، ނުރައްކާތެރި ކެމިކަލް ގުދަންކުރާ 31 ގުދަނާ އަދި ކެމިކަލް ވިއްކާ 24 ފިހާރަ ބަލައި މަޢުލޫމާތު އެއްކޮށްފައިވާ ކަމަށެވެ.
މި މަހުގެ 1 – 15 އަށް ކުރިއަށްދާ މިއޮޕަރޭޝަންގައި ކެމިކަލް ރައްކާކުރާ ތަންތަނާއި ވިޔަފާރިކުރާ ތަންތަން ހިންގަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުމުގެ އިތުރުން، މާލެ ސަރަހައްދުގައި ފަސޭހައިން އަލިފާންރޯވާ ފަދަ ތަންތަނާއި އެ ތަންތަނުގައި ހުރި ހިރާސްތައް ދެނެގަންނާނެ ކަމަށް އެމިނިސްޓްރީން ބުނެފައިވެ އެވެ.
މާލޭގައި 2019 ވަނަ އަހަރު ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ބޮޑު ހާދިސާއަކާ ގުޅިގެން ކެމިކަލް ގެންގުޅުމުގައި އާ އުސޫލުތަކެއް ވަނީ އެކުލަވާލައިފަ އެވެ. އަދި އެއަށްފަހު މާލޭގައި ކެމިކަލް ގުދަން ކުރުން ވަނީ މަނާކޮށްފަ އެވެ. މިހާރު ކެމިކަލް ގުދަން ކުރެވޭނީ ހުޅުމާލެގައި ހުންނަ އެކަމަށް ހާއްސަ ސަރަހައްދެއްގަ އެވެ.



