އާސަހަރާ މިސްކިތާއި ހިނަވާ ގޭގެ ޖާގަ އިތުރުކޮށް އާސަހަރާ މިސްކިތް މަރާމާތުކުރެވުނީ މޭޔަރުކަމުގައި ހުންނެވިއިރު ބޭނުންފުޅުވި ގޮތަށް، ބޭނުންފުޅުވި ފެންވަރުގައި ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
މަރާމާތަށްފަހު އާސަހާރާ މިސްކިތާއި ހިނަވާގޭ ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުން އެދޭކަހަލަ ތަނަކަށް އެތަންވާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އާސަހަރާ މިސްކިތަކީ އެންމެ ހިތްގައިމު ޖާގަ ތަނަވަސްތަނަކަށް ހެދުމަށް އެމަނިކުފާނު ބޭނުންފުޅުވި ކަމަށާއި ޚާއްޞަކޮށް، އާއިލާތަކަށް އެންމެ ހިތްދަތިވަގުތުވެސް އެތަނުގައި ތިބޭއިރު ފަސޭހައިން ތިބެވޭނެ އިންތިޒާމެއް ހަމަޖައްސަވަން ބޭނުންފުޅުވި ކަމަށެވެ.
އެގޮތުން އެމަސައްކަތް މިއަދު ނިމިފައިހުރުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފާފުޅެއްކަމަށާއި މިސްކިތް ތަރައްގީ ކުރެވިފައި ވަނީ އެމަނިކުފާނު ބޭނުންފުޅުވި ކޮންސެޕްޓަށް ކަމަށެވެ.
މީގެއިތުރުން މިހާރު މިސްކިތަށް އަންނަ މީހުންނާއި، ފެސިލިޓީ ބޭނުންކުރާ އެންމެންގެ އިތުރުން މުވައްޒަފުންނަށް ވެސް ފަސޭހަތަކެއްވާނެކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ހަމައެއާއިއެކު މިހާރު މިސްކިތުގެ ޖާގަ އިތުރުކޮށްފައިވުމުގެ ސަބަބުން ކުރިއަށްވުރެ ގިނަ މީހުންނަށް އަވީގަ ނުތިބެ ވަގުތު ހޭދަ ކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
”އުފާކުރަން އޭރު އަޅުގަނޑުމެން ބޭނުންވި ގޮތަށް ބޭނުންވި ފެންވަރުގަ ކޮންސެޕްޓުގަ މިތަން ހަދާ ނިމުނީމަ. ހަގީގަތަކަށް ވީމަ އެކަންވީމަ އުފާކުރަން. އުންމީދުކުރަން މި މިސްކިތަށް އަންނަ މީހުންނާ މި ފެސިލިޓީ ބޭނުންކުރާ އެންމެން އަދި މުވައްޒަފުން ފަސޭހަތަކެއްވާނެކަމަށް. ޖާގަ އިތުރުކުރެވި ކުރިއަށްވުރެ ގިނަ މީހުންނަށް އަވީގަ ނުތިބެ ބޭނުންކުރެވޭނެ. އަދި ރައްޔިތުން އެދޭކަހަލަ ތަނަކަށް މިތަވާނެކަމަށްވެސް އުންމީދުކުރަން.“ ރައީސް ވިދާޅުވިއެވެ.




