20 އަހަރުގެ ޤައުމީ ތަރައްޤީ ޕްލޭނެއް އެކުލަވާލުމަށް ބޭނުންވާ ފަންނީ އިރުޝާދާއި އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން އޮސްޓްރޭލިއާ ސަރުކާރާއި އެކީ ލެޓަރ އޮފް އެކްސްޗޭންޖެއްގައި ސޮއިކޮށްފިއެވެ.
މިއެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އިއްޔެ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ރާއްޖޭގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާބެހޭ ވަޒީރު ޑރ.އަލީ ހައިދަރު އަޙުމަދުއެވެ. އަދި އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖޭސަފްއެވެ.
މިއެއްބަސްވުމުގެ ދަށުން އޮސްޓްރޭލިއާ ސަރުކާރުން ޔޫއެންޑީޕީގެ އިންޓަގްރޭޓެޑް ގަވަނަންސް ޕްރޮޖެކްޓްގެ ދަށުން 900،000 އޮސްޓްރޭލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
20 އަހަރުގެ ތަރައްގީ ޕްލޭނަކީ ރައީސް ޑރ. މުޢިއްޒު ރިޔާސީ ވަޢުދުފުޅާއި އެއްގޮތައް ދިވެހި ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކާއި، ސިޔާސީ ޕާޓީތަކާއި އާއްމު ރައްޔިތުންގެ ބައިވެރިވުމާއި މަޝްވަރާ ހިމަނައިގެން ރައީސްގެ ހާއްސަ ސަމާލުކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ.



