އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒް އާއި ބައްދަލުކުރައްވައިފި އެވެ.
މިބައްދަލުވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ އ.ދ އަށް ޒިޔާރަތް ކުރުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ފަހުރެއް ކަމަށެވެ.
ޝާހިދު ވިދާޅުވީ ސެކެޓްރީ ޖެނެރަލްއާއެކު ބޭއްވި ބައްދަލުވުމުގައި އިންޓަނޭޝަނަލް ކޮމިއުނިޓީސް އޯގަނައިޒޭޝަން (އައިސީއޯ) އާއިއެކު ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު އ.ދ.ގެ ސެކްރެޓަރީ ޖެނެރަލަށް އަރުވާފައިވާ ކަމަށެވެ.
އެގޮތުން މިމަސައްކަތްތަކުގެ އަމާޒަކީ ޑިޕްލޮމަސީ ގާއިމުކުރުމަށާއި، މައްސަލަތައް ހައްލުކުރުމަށާއި، އިތުބާރު ދެމެހެއްޓުމަށް އަދި ހަމަނުޖެހުން ކުރިމަތިވެފައިވާ ތަންތަނުގައި ސުލްހަވެރި އެއްބަސްވުމެއް ހެދުމަށް އެހީތެރިވުން ކަމަށް ޝާހިދު ވިދާޅުވި އެވެ.
މީގެއިތުރުން، ވަކި ފަރާތަކަށް ނުޖެހި ކުރާ މަސައްކަތުގެ ތެރެއިން، ހުރިހާ މުޖުތަމަޢުތަކަށްވެސް ދެމެހެއްޓެނިވި ސުލްޙައާއި އެއްބާރުލުން ހޯދުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާކަމަށް ޝާހިދު އިތުރަށް ވިދާޅުވި އެވެ.
މިބައްދަލުވުމުގައި ޝާހިދާއެކު އ.ދ އިން ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ޢަލީ ނަޞީރު މުޙައްމަދު ވެސް ވަނީ ބައިވެރިވެވަޑައިގަންފައެވެ.
ޝާހިދު އަކީ ކުރީ ސަރުކާރުގެ ފޮރިން މިނިސްޓަރު ކަމުގެ އިތުރުން އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސްގެ މަގާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.



