ރައީސް ޑރ. މުޢިއްޒު އިންޑިއާއަށް ކުރައްވާ ދަތުރުފުޅަކީ ރާއްޖެއާއި އިންޑިއާ އާއި ދެމެދު އޮންނަ ގުޅުމަށް އެގައުމުން ދެއްވާ އަހައްމިއްޔަތުކަން ދައްކުވައިދޭ ހެއްކެއް ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ވިދާޅުވެއްޖެ އެވެ.
އެކޮމިޝަނުން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުޢިއްޒު އިންޑިއާއަށް ކުރައްވާ ދަތުރުފުޅާއި ގުޅޭ މައުލޫމާތު ހިއްސާ ކުރައްވާ ވިދާޅުވެފައި ވަނީ މިއަހަރުގެ އޯގަސްޓު މަހުގައި އިންޑިއާގެ ޚާރިޖީ ވަޒީރު ސުބްރަމަންޔަމް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅަށްފަހު، ރައީސް ޑރ. މުޢިއްޒު އިންޑިއާއަށް ދަތުރުކުރެއްވުމަކީ ރާއްޖެއާއި އިންޑިއާ އާއި ދެމެދު އޮންނަ ގުޅުމަށް އިންޑިއާއިން ދެއްވާ އަހައްމިއްޔަތުކަން ދައްކުވައިދޭ ހެއްކެއް ކަމަށެވެ.
މިއީ ރައީސް ޑރ. މުޢިއްޒު ވެރިކަމާއި ހަވާލުވުމަށްފަހު އިންޑިއާއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. އެހެންނަމަވެސް އެމަނިކުފާނު ވަނީ މިއަހަރުގެ ޖޫން މަހު އިންޑިޔާގެ ބޮޑުވަޒީރާއި ވަޒީރުންގެ މަޖިލީހުގެ ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާއަށް ދަތުރު ކުރައްވާފައެވެ.
އިންޑިއާގެ ހައިކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި މިދަތުރުފުޅުގައި އެމަނިކުފާނު އިންޑިޔާގެ ރައީސާ އާއި ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ބައްދަލުކުރައްވާ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ގޮތުން ދެ ޤައުމުގެ ދެމެދުގައިވާ މުހިންމު މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ.
މީގެއިތުރުން މުމްބާއީ އާއި ބެންގަލޫރުއަށް ވަޑައިގެން ވިޔަފާރި އާއި ގުޅޭ ހަރާކަތްތަކުގައި ރައީސް ބައިވެރިވެޑައިގަންނަވާނެ ކަމަށް ވެސް އެކޮމިޝަނުން ވިދާޅުވި އެވެ.
ދިވެހިރާއްޖެއަކީ އިންޑިޔާ ކަނޑުގެ ސަރަޙައްދުގައިވާ އިންޑިއާގެ އެންމެ މުހިންމު އަވަށްޓެރިއަކަށްވުމުން ބޮޑުވަޒީރުގެ ’ސާގަރ‘ (ސަރަޙައްދުގެ އެންމެންނަށް ރައްކާތެރިކަމާއި ކުރިއެރުން) ގެ ތަޞައްވުރާއި، އިންޑިޔާގެ ’އަވައްޓެރިން އިސްކުރުމުގެ ސިޔާސަތު‘ ގައި ދިވެހިރާއްޖެއަށް ޚާއްޞަ މަޤާމެއް ލިބިގެންވާކަމަށް ވެސް އެކޮމިޝަނުން ވިދާޅުވި އެވެ.



