މިއަދަކީ ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަސްކަމުގައިވާތީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މި ރާއްޖެ ގެދޮރާއި އުމްރާނީ ތަރައްޤީގެ ގޮތުން ބިނާކުރާ ފަދައިން، ފިކުރާ ސިކުނޑީގެ ގޮތުން ބިނާކުރަން ބޭނުން ކަމަށެވެ.
އެގޮތުން އިންސާނިއްޔަތާއި އަޚްލާޤާއި މާނަވީ ހަރުދަނާކަން އަދުގެ ޖީލުތަކުގައި އަށަގަންނަވަން ބޭނުންވާ ކަމަށާއި މި ކަމުގައި ހުރިހާ މުދައްރިސުންގެ އެއްބާރުލުން ނިހާޔަތަށް ބޭނުންވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
”ދިވެހި ދަރީން ދިވެހި ޤައުމިއްޔަތަށް އަހުލުވެރިކޮށްދެއްވާ! ދިވެހީންގެ ހަރުދަނާ މާތް ސިފަތަކުން ޒީނަތްތެރިކޮށްދެއްވާ!“ ރައީސް މުޢިއްޒު އެދިލައްވާފައިވެއެވެ.
ފިކުރާއި ސިކުނޑީގެ ގޮތުން ޤައުމު ބިނާކުރުމުގެ ޝިޢާރަކީ ރައީސުލްޖުމްހޫރިއްޔާ ތަކުރާރުކުރައްވަމުން ގެންދަވާ ޝިޢާރެކެވެ. މިއަހަރުގެ ފެބްރުއަރީ މަހު އިއްވެވި ރިޔާސީ ބަޔާނުގައިވެސް ރައީސް މުޢިއްޒު ވަނީ، ދިވެހި ސަރުކާރުގެ ފަލްސަފާއަކީ، ޤައުމު އާރާސްތުކޮށް ބިނާކުރާ ފަދައިން، ޤައުމުގެ ކޮންމެ ރައްޔިތަކުވެސް ހެޔޮގޮތުގައި ބިނާކޮށްދިނުންކަމުގައި ވިދާޅުވެފައެވެ.



