ދިވެހި މުސްލިމު މުޖުތަމަޢަށް މިއަދު އެންމެ ބޭނުންޖެހިފައިވަނީ ރޫޙާނީ ހުސްކަން ނައްތާލުމަށްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދުނިޔެއަށް އަލަށް އައި ޓެކްނޯލޮޖީއާއި އެކި ކަހަލަ ކުރިއެރުންތަކުން އިންސާނީ މުޖުތަމަޢުތަކުގެ އަޚްލާޤަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
އެގޮތުން މިއަދުގެ ޒުވާން ޖީލުގެ ފިކުރާއި ވިސްނާގޮތް އޭގެ ކުރީގެ ޖީލުތަކާއި ތަފާތު ކަން ފާހަގަކުރައްވާ ރައީށް ވިދާޅުވީ ޖެން-ޒީ ނުވަތަ ޅަ ކުދިންނަކީ ކޮންޕިއުޓަރާއި ގޭމުތަކުގެ ޖީލެއްކަމަށާއި، އަދި އެއީ ތަޢުލީމު ލިބިފައިވާ ފަލްސަފާގެ ސަބަބުން އަމިއްލަ މިނިވަންކަމަށް އިންތިހާއަށް ބޭނުންވާ ޖީލެއްކަމަށެވެ. އެހެންކަމުން މިއަދުގެ ޒުވާނުން ޤައުމާއި މުޖުތަމަޢުގައި ބާރުވެރިކުރުމަށް ޓަކައި މިޒުވާން ޖީލުގެ ވިސްނުމާއި ގުޅުވާލެވޭނެ ގޮތަކަށް އިސްލާމްދީނާއި ދިވެހީންގެ އަސްލުވަންތަކަން ރަނގަޅު މާނައިގައި ފަހުމުވާ ބަޔަކަށް އެޒުވާނުން ހަދަންޖެހޭކަމަށް ރައީސް ވިދާޅުވި އެވެ.
”ދިވެހީންގެ ތާރީޚާއި ދިވެހީން މިއަދާ ހަމައަށް މިނިވަން ދައުލަތެއްގެ ގޮތުގައި ދެމި އޮތް ޙަޤީޤަތްތައް އެޒުވާނުންނަށް ވިސްނޭނެ ގޮތަކަށް އަންގައިދެވެންޖެހޭ. އިސްލާމީ ޝަޚްޞިއްޔަތާއި ދިވެހި ޤައުމިއްޔަތަކީ ދިރިއުޅުމުގެ ބަޔަކަށް ހަދަން ޖެހޭ“ ރައީސް ވިދާޅުވިއެވެ.
ޤައުމަކަށް ރޫޙާނީ ހުސްކަމެއް ނުވަތަ އީމާނީ ފަގީރުކަމެއް އައުމުގެ ނުރައްކަލުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަކުން އެމަނިކުފާނު ވިދާޅުވީ މި ޅަ ކުދިންނާއި ޒުވާނުންގެ ކިބައިގައި ހުރި އިތުރަށް ފަރުވާ ބޭނުންވާކަންކަމަށް އަވަސް ހައްލެއް ގެންނަންޖެހޭކަމަށެވެ. ޚާއްޞަކޮށް އަޚްލާޤީ ރޫޙާނީ ދުޅަހެޔޮކަން އިތުރުކުރަން ޖެހޭކަމަށެވެ.
”ޤައުމަކަށް ރޫޙާނީ ހުސްކަމެއް ނުވަތަ އީމާނީ ފަގީރުކަމެއް އައުމަކީ ވަރަށް ނުރައްކާތެރިކަމެއް. އޭރުން އެ ބައެއްގެ ޟަމީރުގައި ހެޔޮނުބައި ކަނޑައެޅުމުގެ ބާރެއް އާރެއް ނުހުންނާނެ“ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ފެންނަން އޮތް ޙަޤީޤަތަށް ބަލާއިރު، މިއަދު ދިވެހި މުސްލިމު މުޖުތަމަޢަށް އެންމެ ބޭނުންޖެހިފައިވާ ކަމަކީ މި ޤައުމުން ރޫޙާނީ ހުސްކަން ނައްތައިލުންކަމަށެވެ. އެގޮތުން، ދިވެހި ކޮންމެ ދަރިޔެއްގެ ރޫޙާނީ ފުދުންތެރިކަން ކަށަވަރުކުރަން އެބަ ޖެހޭކަމަށާއި އީމާނާ ބުއްދިޔާ އަމަލު އެއްފަސްކުރަން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.
މިއަށްފަހު ރައީސް ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަހު އެމަނިކުފާނު ދައްކަވަން ބޭނުންވަނީ މައިގަނޑު ތިން ވާހަކައެއްކަމަށެވެ. އެއީ ޤުރުއާނުގައި މުސްލިމުން ސިފަކުރައްވާފައިވާ ގޮތުގެ ވާހަކައާއި 21ވަނަ ޤަރުނުގެ ތަރައްޤީއާއި ތަޢުލީމާ އެކު އޮތް އަދުގެ ދިވެހިރާއްޖޭގެ މުޖުތަމަޢުން ފެންނަ ދީނާ ޚިލާފު އަމަލުތަކުގެ ވާހަކައާއި އެ ކަންކަން އިޞްލާޙުކުރުމުގައި ދިވެހި ހުރިހައި ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަމަށް އެމަނިކުފާނު އެދިވަޑައިގަންނަވާ ވާހަކަކަމަށެވެ. އެހެންކަމުން ނިޔަތާއި ބަހާއި ޢަމަލުން އިސްލާމްދީނުގައި ސާބިތުވުމަށް ދިވެހި އުންމަތަށް ރައީސް ވަނީ އިލްތިމާސްކުރެއްވައިފަ އެވެ.



