ނަމޫނާ ލިބިގަންނަންވީ ރަސޫލުﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމަގެ ރިވެތި އަޚްލާޤީ ސިފަފުޅުތަކުންކަމަށާއި، މުނާފިޤުންގެ ހުތުރު ފިތުނަތަކުން ނޫންކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވެފައި ވަނީ ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރަމުންދާއިރު އަޅުގަނޑުމެން ވިސްނާލަންޖެހޭ މުހިއްމު ކަންތައްތަކެއް އެބަހުރިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ހެޔޮ ޢަމަލުކުރުންމަތީ ދެމި ތިބުމާއެކު ހެޔޮކަންކަމަށް އަމުރުކުރަންތޯއާއި މުންކަރާތްތަކާއި ނުބައި ވިޔަޔާނުދާ އަމަލުތަކަށް އަރައިނުގަނެ އަދި އެ ފަދަ އަމަލުތައް ހުއްޓުވަން މަސައްކަތްކުރޭތޯ ވިސްނާލަންޖެހޭކަމަށެވެ.
”މި ސުވާލުތައް އަޅުގަނޑުމެންގެ އަމިއްލަ ނަފުސާ ނުކުރެވޭ ނަމަ، ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރުމުގެ ބޭނުމެއް އޮތްކަމަކަށް ނުބެލެވޭ. މި ސުވާލުތަކަށް ޖަވާބު ހޯދައި އަމިއްލަ ނަފުސު އިޞްލާޙުކުރުމުގެ ދުވަހަކަށް މި ދުވަސް ނެހެދޭ ނަމަ، މި ފަދަ ޖަލްސާތައް ބާއްވައި މި ފެންނަ ޒީނަތްތެރިކަން މި މާހައުލަށް ގެނައުމުގެ އެއްވެސް މާނައެއް އޮތް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ. އެހެންވީމާ މިއަދު ދިވެހިރާއްޖޭގެ އިސްލާމްކަމަށް ނުވަސައްތަ ފުރޭން ދާ އިރު، މި ކަންކަމުގެ މައްޗަށް އަޅުގަނޑުމެން ފިކުރުކުރަންޖެހޭ. އަޅުގަނޑުމެންގެ ރޫޙާނީ ވެށި އޮތީ ކިހިނެއްތޯ ދެނެގަންނަންޖެހޭ“ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މުސްލިމު މުޖުތަމަޢެއްގައި ކަން އޮންނާންވީ ގޮތް އަންގަވާފައިވާއިރު ކަން އޮތް ގޮތް ވަރަށް ވެސް ހިތާމަވެރިކަމަށެވެ. އަދި އެކަން މުޖުތަމަޢުން ދަނީ ފެންނަމުންދާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ނުބައި ޖަރީމާތަކުގެ ތެރޭން ހަމައެކަނި ދޮގު ޚަބަރުފެތުރުމަކީވެސް ދިވެހި މުޖުތަމަޢުގައި މޫލައިފައި އޮތް ބޮޑު ހަލާކެއް ކަމަށާއި އެކަމުގެ ސަބަބުން އެތައް ބަޔަކަށް އޭގެ ގެއްލުމާއި ނުރައްކާތައް ކުރިމަތިވަމުން އަންނަ ކަމަށެވެ.
”ދޮގު ވާހަކަތަކުގެ ސަބަބުން ލޮޅުން އެރީ ކިތައް އާއިލީ ގުޅުމަށްތޯ؟ ހުތުރު ފުރައްސާރަތަކުގެ ސަބަބުން މާޔޫސްވީ ކިތައް ޚިދުމަތްތެރީންތޯ؟ ދެބަ އޮޑުވުމާއި ނެތިނުބައިކިޔުމުގެ ސަބަބުން ރޫޅިކުދިކުދިވީ ކިތައް އެކުވެރި ރަޙްމަތްތެރިކަންތޯ؟ މި ފަދަ ކޮންމެ ކަމަކުން އުފެދޭ ވޭނާ ކެކުޅުން އެތައް ޒަމާނަކަށް އެތައް ޖީލަކަށް ދެމިގެންދޭ. ވަކިވަކި މީހުންނަށް ގެއްލުން ލިބޭ ފަދައިން ވަކިވަކި އާއިލާތަކަށް ގެއްލުން ލިބޭ. އަދި ކީއްތޯ؟ ބައެއް ފަހަރަށް ފަތުރާލާ ދޮގު ޚަބަރުތަކުގެ ސަބަބުން މުޅި ދިވެހި ދައުލަތަށް އޭގެ އިންތިހާ ގެއްލުން ފޯރާފައި އެބަ ހުރި“ ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، އިސްލާމީ އުންމަތަށް ބަލާއިރު ދޮގު ހަބަރު ފެތުރުމަކީ މަދީނާގެ މުނާފިޤުން ފަށައިގަތްކަމެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރާއްޖެ އިސްލާމްވުން ފާހަގަކުރެވޭ ދުވަހު، އަޅުގަނޑުމެން ނަމޫނާ ލިބިގަންނަންވީ މުނާފިޤުން ދުނިޔެއަށް ތަޢާރަފުކުރި ދަށުދަރަޖައިގެ ހުތުރު ފިތުނަތަކަކުން ނޫންކަމަށާއި. އަޅުގަނޑުމެން ނަމޫނާ ލިބިގަންނަންވީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ދުނިޔެއަށް ގެނެސްދެއްވި މޫރިތި ރިވެތި އަޚްލާޤީ ސިފަފުޅުތަކުންކަމަށެވެ.
އެހެންކަމުން އެމަނިކުފާނު ވަނީ ދޮގު ޚަބަރުފެތުރުމާއި އާޑަ ފުރައްސާރައިގެ ފިތުނަވެރި އަމަލުތަކުގައި ބައިވެރިނުވާން ޢަޒުމު ކަނޑައެޅުއްވުމަށް ދިވެހި އެންމެހައި ރައްޔިތުންގެ ކިބައިން އިލްތިމާސްކުރައްވާފައެވެ.




