ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ ހުރިހާ މުދައްރިސުންނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަރިސްކުރައްވައިފި އެވެ.
މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ މުދައްރިސުންނަކީ އުށްބައްތިތަކެއް ފަދަ ބައެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ. އަދި މުދައްރިސުން ކުރާ މަސައްކަތްތައް އުށްބައްތީގެ ހުޅުކޮޅުން އެތައްހާސް ބައްތިއެއް ދިއްލާލެވޭގޮތަށް، އަދި އޭގެ އަލިކަމުގެ ތެރޭގައި ކުރިޔަށްދާ ދިއުންފަދައިން އެމަނިކުފާނު ވަނީ ސިފަކުރައްވާފައެވެ.
މީގެއިތުރުން، ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވެސް އެމަނިކުފާނު ވަނީ މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ އެންމެހާ މުދައްރިސުންނަށް އަރިސްކުރައްވާފައެވެ.
ގެދޮރާއި އުމްރާނީ ތަރައްޤީގެ ގޮތުން ޤައުމު ބިނާކުރާ ފަދައިން، ފިކުރާއި ސިކުނޑީގެ ގޮތުންވެސް ޤައުމު ބިނާކުރުމަށް ގޮވާލައްވާ އެމަނިކުފާނު ވިދާޅުވީ އިންސާނިއްޔަތާއި، އަޚުލާޤާއި، މައުނަވީ ހަރުދަނާކަން އަދުގެ ޖީލުތަކުގައި އަށަގެންނެވުމަށް މުދައްރިސުންގެ އެއްބާރުލުން ބޭނުންފުޅުވާ ކަމަށެވެ.
ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު 5 ގައި ދުނިޔޭގެ މުދައްރިސުންގެ ދުވަސް ފާހަގަކުރާއިރު އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިމަހުގެ 6 އިން 10 އާއިދެމެދު މިދުވަސް ފާހަގަކުރުމަށް އަންގާފައެވެ. މީގެއިތުރުން، މުދައްރިސުންގެ ދުވަހާއި ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތައް އެއް ދުވަހެއްގެ ތެރޭގައި ކުރިއަށް ގެންދިއުމަށާއި، ދުވަހުގެ ހަރަކާތްތައް ކޮންމެ ދަންފަޅިއެއްގައި ވެސް 45 މިނެޓަށްވުރެ ދިގު ނުކުރުމަށް އަންގާފަ އެވެ.
ހަމައެއާއިއެކު، ރަސްމީ ސެޝަންގެ ތެރެއިން ދެ ގަޑިއިރަށްވުރެ ދިގު ނުކުރުމާއި ރަށުން ބޭރުގައި ހަރަކާތްތައް ނުބޭއްވުމުގެ އިތުރުން، ވަކިވަކި ޓީޗަރުންނަށް ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން ހަދިޔާ ނުދިނުމަށް ވެސް ވަނީ އަންގާފަ އެވެ.



