މާލޭގެ ފިހާރައެއްގެ ދޮރު ހަލާކު ކޮށްލައިގެން ވަދދެ، އެފިހާރައިގެ ވަތްގަނޑުން 300 ޑޮލަރު ވަގަށް ނެގި މީހަކު 11 މަސް ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމް ކޮށްފިއެވެ.
މިމައްސަލައިގައި ހައްޔަރުކޮށް ހުކުމް ކޮށްފައިވަނީ މުޙައްމަދު އަސްލަމް (ސ. ހިތަދޫ) އެވެ.
ވައްކަމުގެ މިމައްސަލައިގައި އަސްލަމް ހައްޔަރު ކޮށްފައިވަނީ މިއަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ.
މިމައްސަލައިގައި އޭނާގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ
• މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާއާއި
• އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއާއި
• އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ އެވެ.
އަސްލަމުވަނީ މި ތިން ދައުވާއަށް ވެސް އިއުތިރާފުވެފައެވެ. އަދި ދެވެން އޮތް އެންމެ ކުޑަ އަދަބެއް ދިނުމަށް ވެސް އަސްލަމް އެދިފައިވެއެވެ.
އެހެންކަމުން، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުންގެ ކުށުގައި ތަހުގީގުގެ މަރުހަލާގައި ހޭދަކުރި 28 ދުވަސް އުނިކުރުމަށްފަހު ދަރަޖަތަކަށް ބަދަލު އައުމަށްފަހު އަސްލަމް އެ ކުށުގައި ތަންފީޒުކުރަން ޖެހޭ އަދަބަކީ ފަސް މަހާއި ދެ ދުވަހެވެ.
އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށަކީ މި ހާދިސާގައި ކޮށްފައިވާ ދެވަނައަށް އެންމެ ބޮޑު ކުށަށްވާއިރު އަދަބު ކަނޑައަޅަން ޖެހެނީ މުއްދަތު ދެބައިކުޅަ އެއްބަ އެވެ. އެހެންކަމުން އެ ކުށުގައި އަސްލަމު ތަންފީޒު ކުރަން ޖެހެނީ ތިން މަހެވެ.
މުދަލަށް ގެއްލުން ދިނުމުގެ ދައުވާގެ އަދަބު ކަނޑައަޅަން ޖެހެނީ ހަތަރުބައިކުޅަ އެއްބައެވެ. އެހެންކަމުން އެ ކުށުގައި އަސްލަމް ޖަލުގައި ހޭދަ ކުރަން ޖެހެނީ 22 ދުވަހެވެ.
އެހެންކަމުން އަސްލަމް ތަންފީޒުކުރަން ޖެހޭ އަދަބަކީ 8 މަހާއި 24 ދުވަހެވެ.



