އިޒްރޭލުގެ ޔަހޫދީ ސިފައިން ފަލަސްތީނުގެ ޣައްޒާގެ މިސްކިތަކަށް ބޮންއަޅައި 21 މީހަކު ޝަހީދުކޮށް އެތައް ބަޔަކު ޒަހަމުކޮށްލައިފިއެވެ.
އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިޒްރޭލުން ރޭގެ ވަގުތެއްގައި ބޮން އަޅާފައިވަނީ ޣައްޒާގެ މެދުތެރޭގައި ހުންނަ ދީރުލް ބަލާހް މިސްކިތަށެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި އެ މިސްކިތަކީ ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ އެތައް ރައްޔިތުންނަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ މިސްކިތެކެވެ. އިޒްރޭލުން އެ މިސްކިތައް ބޮން އަޅާފައިވަނީ، އެ މިސްކިތަކީ ހަމާސް ޖަމާއަތުން އެމީހުންގެ އޮޕަރޭޝަންތައް ކުރިއަށް ގެންދަން ބޭނުންކުރަމުންދާ ތަނެއް ކަމަށް ބުނެއެވެ.
ޣައްޒާގެ މިސްކިތައް ބޮން އަޅައި އެތައް ބަޔަކު ޝަހީދުކޮށްލުމުގެ އިތުރުން އިޒްރޭލުން ރޭގައި ވަނީ އަނެއްކާވެސް ލުބްނާނުގެ ބެއިރޫތަށް ވެސް ބޮމުގެ ހަމަލާތަކެއް އަމާޒުކޮށްފައެވެ.
އެގޮތުން ބެއިރޫތު އެއާޕޯޓާއި ކައިރި ސަރަހައްދަކަށް ވެސް ބޮން އަޅާފައިވާއިރު، ހަމަލާތައް ދިނުމުގެ ކުރިން އާންމު ރައްޔިތުން އެތަން ދޫކޮށް ދިޔުމަށް ބުނި ކަމަށް އިޒްރޭލުން ބުނެފައިވެއެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި އިޒްރޭލުން ރޭގައި އެންމެ ފުރަތަމަ ހަމަލާ ދީފައިވަނީ ލުބްނާންގެ އުތުރުގެ އަވަށެއްކަމަށްވާ ތްރައިޕޯލީ އަށެވެ. އަދި މިހަމަލާތައް ލުބްނާންގެ ދެކުނަށް ވެސް ފަހުން އަމާޒު ކޮށްފައިވެއެވެ. އިޒްރޭލުން މީގެ ކުރިން ލުބްނާނަށް ހަމަލާ ދީފައިވަނީ އެޤައުމު ބޯޑަރު ސަރަހައްދުގައި ކަމަށްވީ ނަމަވެސް މިހާރު އެމީހުންގެ ހަމަލާތައް ބޮޑަށް އަމާޒު ކޮށްފައިވަނީ މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ކަމުގައި ރިޕޯޓުތަކުން ހާމަ ކުރެއެވެ.



