އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އެ އެސޯސިއޭޝަންގެ ފައިސާއިން ގަނެފައިވާ ކަމަށް ބުނާ ދެ އެޕާޓްމަންޓު ފުލުހުންނާއި ހަވާލު ކުރުމުގެ މުއްދަތު އިތުރުކޮށް ދިނުމަށް މިއަދު ބައްސާމް އެދިލައްވައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ އެޕާޓްމަންޓުތައް ފުލުހުންނާއި ހަވާލު ކުރުން މިމަހުގެ 31 އާ ހަމައަށް އިތުރުކޮށް ދިނުމަށް އެދި ބައްސާމްގެ ވަކީލުގެ ފަރާތުން ސިޓީއެއް މެދުވެރިކޮށް މިއަދު ވަނީ އެދިލައްވާފައި ކަމަށެވެ.
އެ ސިޓީއަށް ޖަވާބު ދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
އެފްއޭއެމްގެ ޚިޔާނަތުގެ ތުހުމަތު ކުރެވޭ ބައްސާމްގެ މިލްކިއްޔާތުގައިވާ ހުޅުމާލެ އަމީން އެވެނިއުގެ 2 އެޕާޓުމަންޓު މިއަދުގެ ކުރިން ފުލުހުންނާއި ހަވާލު ކުރުމަށް 28 ސެޕްޓެމްބަރު 2024 ވަނަ ދުވަހު ކޯޓުން އަމުރު ކޮށްފައިވާ ކަމަށް މިމަހުގެ 4ވަނަ ދުވަހު ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި އެ ދެ އެޕާޓްމަންޓު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން އެއިރު ވަނީ ވިދާޅުވެފައެވެ.
ކޮވިޑުގެ ދުވަސްވަރު ފުޓްބޯޅަ ކްލަބްތަކަށް ދިމާވި މާލީ ދަތިތަކުން އަރައިގަތުމަށް އެފްއޭއެމުން، ފީފާ މެދުވެރިކޮށް ނެގި ލޯނު ފައިސާއިން ބައްސާމް ދެ އެޕާޓްމަންޓު ގަތް ކަމަށް ބުނާ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ފުލުހުން މިދިޔަ މަހު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް އެމައްސަލަ ފޮނުވައިފައިވާއިރު މިމައްސަލައިގައި ބައްސާމުގެ އިތުރުން އެޕާޓްމަންޓް ވިއްކި އަމީން ކޮންސްޓްރަކްޝަނާއި، އެފްއޭއެމްގެ އޭރުގެ ފައިނޭންސް ހެޑް މުހައްމަދު އަގީލާއި، އެ އެސޯސިއޭޝަނުގައި އޭރު މަސައްކަތް ކުރި ހަސަން ވަހީދުގެ މައްޗަށް ވެސް ދައުވާކޮށްދިނުމަށް ފުލުހުން ވަނީ އެދިފަ އެވެ.




