އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ހޮންގ ކޮންގ ގެ އިންޑިޕެންޑެންޓް ކޮމިޝަން އަގެއިންސްޓް ކޮރަޕްޝަން (އައި.ސީ.އޭ.ސީ) އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގައި ސޮއިކުރީ، 2024 ސެޕްޓެންބަރު 10 ވަނަ ދުވަހު، ހޮންގ ކޮންގގެ އައި.ސީ.އޭ.ސީގެ މައި އިދާރާގައެވެ. އޭ.ސީ.ސީގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް އަލްއުސްތާޛު އާދަމް ޝާމިލެވެ. އަދި އައި.ސީ.އޭ.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަނުގެ ކޮމިޝަނަރ، ޑެނީ ޔެންގ މިންގ ވޫއެވެ.
ހޮންގ ކޮންގ ގެ އައި.ސީ.އޭ.ސީ އަކީ، ކޮރަޕްޝަނާއި މަނީ ލޯންޑްރިންގެ ތަޙުޤީޤުކުރުމާއި ކޮރަޕްޝަން ވިޔަނުދިނުމުގެ (ޕްރިވެންޝަން) އިތުރުން ކޮރަޕްޝަނާއި ދެކޮޅަށް މުވައްޒަފުން ބިނާކުރުމުގައި ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރެވޭ މުއައްސަސާއެކެވެ.
މި ފަހުމުނާމާގައި ސޮއިކުރެއްވުމަށްފަހު، ރަސްމީކޮށް ފަހުމުނާމާ ދެ ކޮމިޝަނުގެ މެދުގައި ބަދަލުކުރެވިގެން ދިޔައީ 9 ވަނަ ބެލްޓް އެންޑް ރޯޑް ސަމިޓުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި، ހޮންގ ކޮންގގެ ޗީފް އެގްޒެކެޓިވް ޖޯން ލީގެ ހާޒިރުގައެވެ.
މި ފަހުމުނާމާގެ ދަށުން ކުރިޔަށް ގެންދާ މައިގަނޑު ކަންތައްތަކަކީ:
- ކޮރަޕްޝަނާއި މަނީ ލޯންޑްރިންގެ ތަހުޤީޤުތަކާއި ގުޅޭ މަޢުލޫމާތު ބަދަލު ކުރުން؛
- ކޮރަޕްޝަނާއި މަނީ ލޯންޑްރިންގެ ކުށުގެ ސަބަބުން ގެއްލޭ މުދަލާއި ފައިސާ ހޯދައި އިޢާދަ ކުރުމުގައި އެކުގައި މަސައްކަތް ކުރުން؛
- ކޮރަޕްޝަނާއި މަނީ ލޯންޑްރިންގެ ކުށްކުރާ ގޮތާ ގުޅޭ ކަންކަން ދެނެގަތުމުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުމާއި އެކަންތައްތައް ވިޔަނުދިނުމަށް (ޕްރިވެންޝަން) އެހީތެރިކަން ފޯރުކޮށްދިނުން؛
- ކޮރަޕްޝަންގެ ކުށް ހުއްޓުވުމާއި ތަޙުޤީޤު ކުރުމާ ގުޅުންހުރި މުވައްޒަފުން ތަމްރީނުކުރުމުގައި އެހީތެރިކަމާއި އެއްބަރުލުން ދިނުން؛
- ދެ ފަރާތް ގުޅިގެން ކޮރަޕްޝަނާއި މަނީ ލޯންޑަރިންގ ހުއްޓުވުމާއި މަނާކުރުމާ ގުޅުންހުރި ފޯރަމްތަކާއި، ސެމިނަރތަކާއި، ކޮންފަރެންސްތަކާއި ވަރކްޝޮޕްތައް ބޭއްވުމާއި އެފަދަ ކަންކަމުގައި ބައިވެރިވުން؛
- ކޮރަޕްޝަނާއި މަނީ ލޯންޑްރިންއާއި ދެކޮޅަށް މަސައްކަތްކުރުމުގައި ”ބެސްޓް ޕްރެކްޓިސް“ތަކުގެ މަޢުލޫމާތު ބަދަލުކުރުމާއި، ދެކޮމިޝަން ގުޅިގެން ދިރާސާކުރުން؛
- ދެ ފަރާތްގުޅިގެން މުޖުތަމަޢާއި ފަރުދުންނާއި މުއައްސަސާތަކުގެ ނަޒާހަތްތެރިކަން ކުރިއެރުވުމަށް މަސައްކަތްކުރުން؛
- މުއައްސަސާތަކުގެ ހިންގުން ހަރުދަނާކުރުމާއި، ކޮރަޕްޝަންގެ ހިރާސް ކުޑަކުރުމަށް ކުރާކަންކަމުގައި އެއްބާރުލުމާއި އެހީތެރިކަންދިނުން؛
ފަހުނަމާގައި ސޮއެކުރެއްވުމަށްޓަކައި އައި.ސީ.އޭ.ސީއިން ދެއްވި ދައުވަތަށް އޭސީސީގެ ރައީސް ހޮންގ ކޮންގއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ހުރިހާ ޚަރަދުތައް ހަމަޖައްސަވައިދެއްވާފައިވަނީ އައި.ސީ.އޭ.ސީ އިންނެވެ.




