މޫސުން ގޯސްވުމުގެ ސަބަބުން ރާއްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީން އިލްތިމާސް ކުރައްވައިފި އެވެ.
އެންޑީއެމްއޭއިން މިއަދު އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު މޫސުން ގޯސްވާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށް ބުނެފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގައި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށާއި، ގަދަވަޔާއިއެކު ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ބެލެވޭ ކަމަށާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އެއިދާރާއިން ބުނެފައިވާ ކަމަށެވެ.
އެހެންކަމުން އާންމު ރައްޔިތުންގެ މުދަލާއި ގެދޮރަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތް ކުރުމަށް އެއިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި އެގޮތުން އެޅިދާނެ ބައެއް ފިޔަވަޅުތަކުގެ ތެރޭގައި އެއިދާރާއިން ބުނެފައި ވަނީ:
- ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވުމާއި،
- ގެއަށް ފެން ނުވަންނާނެހެން ރައްކާތެރި ފިޔަވަޅު އެޅުމާއި، އެގޮތުން ގޭގެ ދޮރުމަތީގައި ވެލިބަސްތާ ފަދަ ތަކެތި ޖެއްސުމާއި،
- ގޭތެރޭގައި ފެންބޮޑުވެއްޖެ ހިނދެގައި ގެއްލުންވެދާނެ ފަދަ މުދާ ފެން ނުޖެހޭ ފަދަ އުސްތަންތަނަށް ބަދަލުކުރުން. އުސް ތަންތަނަށް ބަދަލު ނުކުރެވޭ ތަކެތި ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުމާއި،
- ގަދަވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ލަފާ ކުރެވޭނަމަ ކުރިޔާލާ ވާ ފަދަ އެއްޗެއް ބޭނުންކޮށްގެން ފުރާޅު އެއްލާނުލާފަދަ ގޮތަކަށް ހައްޔަރުކުރުމާއި،
- ގަދަވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ބަނދެ ރައްކާތެރިކުރުމާއި،
- ބޭނުންނުކުރާނަމަ ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލައިފައި ބެހެއްޓުމާއި،
- ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުމަށް ސަމާލުވުމާއިއެކު، ދަތުރަށް ނުކުންނައިރު، ސަލާމަތީ ކަންކަމާއި މުވާސަލާތީ ނިޒާމު ފުރިހަމަކަން ޔަގީން ކުރުމާއި،
- ކަނޑުދަތުރު ކުރާ ފަރާތްތަކުން ދަތުރު ފެށުމުގެ ކުރިން މޫސުމާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ކަމާއި ބެހޭ އިދާރާތަކުން ހޯދުމާއި،
- ކާޑުގެ ބާވަތްތަކާއި ޒަރޫރީ ތަކެއްޗަށް ދަތިނުވާނެ ގޮތަށް ދުރާލާ ކަންކަން އިންތިޒާމު ކުރުމެވެ.
މީގެއިތުރުން އެއޮތޯރިޓީން ވަނީ މިކަންކަމަށް ރަށު ފެންވަރުގައި ރައްޔިތުން ހޭލުންތެރިވެ ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އެދިފައެވެ.



