މިދިޔަ އޮގަސްޠް މަހު ކ. ހުވަފެންފުށި ކައިރީގައި އޮންނަ ފިނޮޅަކަށް ދަތުރު ގޮސް އުޅެނިކޮށް ގެއްލުނު ތަސްލީމް މުހައްމަދު، ގެއްލުނު މައްސަލައިގެ އޭނާ ހޯދުމަށް ޔެލޯ ނޯޓިސް މިދިޔަ މަހު އިންޓަޕޯލްގައި ޕަބްލިޝް ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މީޑިއާތަކާއި ހިއްސާ ކުރި މެސެއްޖެގައި ފުލުހުން ބުނީ ތަސްލީމް ގެއްލުނު މައްސަލައިގެ ޔެލޯ ނޯޓިސް ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު އިންޓަޕޯލުން ޕަބްލިޝްކޮށްފައިވާ ކަމަށެވެ.
މީގެއިތުރުން، އިންޓަޕޯލް މެދުވެރިކޮށް ޕަބްލިޝްކުރާ ނޯޓިސްތަކަކީ އިންޓަޕޯލްގެ މެންބަރު ހުރިހާ ގައުމަކަށް ވެސް ފެންނަ ގޮތަށް ޕަބްލިޝް ކުރާ ނޯޓިސެއް ކަމަށާއި، މިގޮތަށް ޕަބްލިޝް ކުރާ ކޮންމެ ނޯޓިސް އަކީ އާންމުންނަށް ފެންނަ ގޮތަށް އިންޓަޕޯލްގެ ވެބްސައިޓުގައި ޕަބްލިޝް ކުރާ ނޯޓިސެއް ނޫންކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
މިދިޔަ އޮގަސްޓު މަހުގެ 30 ވަނަ ދުވަހު މާލެ ސިޓީ ކައުންސިލްގައި މަސައްކަތް ކުރަމުން އައި ތަސްލީމް ހިމެނޭހެން 15 މީހުންގެ ގުރޫޕަކުން ދިޔަ ދަތުރުގައި ތަސްލީމް ގެއްލިފައިވާއިރު، އޭނާ ގެއްލުނު މައްސަލައިގައި ތުހުމަތު ކުރެވޭ ކަންތައްތަކެއް ހުރުމުން ފުލުހުން ވަނީ މިމައްސަލަ ޖިނާއީ ތަހުގީގެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ނިންމާފަ އެވެ.




