ރާއްޖެއަށް އެހީވާން އިންޑިއާ އޮންނަނީ އަބަދުވެސް ތައްޔާރަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ރައީސްގެ ދެކަނބަލުން އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި މިއަދު އެގައުމަށް ފުރާވަޑައިގެންނެވުމުގެ ކުރިން ބީބީސީއަށް ދެއްވި އީމެއިލް އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ އިންޑިއާއަށް ރާއްޖޭގެ މާލީ ހާލަތު އޮތް ގޮތް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި އިންޑިއާ އަކީ ރާއްޖޭގެ ތަރައްގީގެ އެންމެ ބޮޑު ބައިވެރިޔާ ކަމަށެވެ.
”ރާއްޖެއަށް ދިމާވާ ދަތިތަކުން އަރައިގަތުމަށް އެހީތެރިވެދީ، ހައްލު ހޯދައިދޭން އަބަދުވެސް އިންޑިއާ އޮންނާނީ ތައްޔާރަށް،“ ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ މާލީ ހާތަލު ގޯސްވުމުގެ ސަބަބުން ދުނިޔޭގެ ކްރެޑިޓް ރޭޓިން ކަނޑައެޅުމުގައި އެންމެ ފާހަގަކުރެވޭ ކުންފުނި ފިޗް ރޭޓިން އާއި މޫޑީސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައިވުމުން އެކަމުގެ މައްޗަށް އަލިއަޅުވާލައި ވިދާޅުވީ ބޭރުގެ ދަރަނި ނުދެއްކޭނެ ފަދަ ހާލަތެއް ނެތް ކަމަށާއި އަދި ރާއްޖެއިން އައިއެމްއެފްގެ ޕްރޮގްރާމެއްގައި ބައިވެރިނުވާނެ ކަމަށެވެ. އަދި އޭގެ ބަދަލުގައި ހައްލު ހޯދަން އަމިއްލަ ސިޔާސަތުތަކެއް ގެންގުޅުއްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިއީ ވެރިކަމާއި ހަވާލުވުމަށްފަހު ރައީސް އިންޑިއާއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. މިދަތުރުފުޅުގައި އެމަނިކުފާނު އެގައުމުގެ ރައީސާއި ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ އިތުރުން އެ ޤައުމުގެ އިސް ވެރިންނާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.



