މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީން މޯލްޑިވިއަން އެއާލައިން މެދުވެރިކޮށް ކުރި ދަތުރުތަކަށް އެޕާޓީން ދައްކަންޖެހޭ 5.6 މިލިއަންގެ ތެރެއިން އެއް މިލިއަން ދެއްކުމުން ދައުވާ އަނބުރާ ގެންދަން އައިލެންޑް އޭވިއޭޝަނުން ނިންމައިފިއެވެ.
މިމައްސަލައަކީ އެމްޑީޕީން އައިލެންޑް އޭވިއޭޝަނަށް ދައްކަންޖެހޭ 5.6 މިލިއަން ރުފިޔާ ހޯދުމަށް މިދިޔަ އަހަރު މޯލްޑިވިއަނުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ.
ސިވިލް ކޯޓުން އިއްޔެ ކުރި ޙުކުމެއްގައި ބަޔާންކޮށްފައިވާ ގޮތުގައި ދެ ފަރާތުން މަޝްވަރާކުރުމަށްފަހު އެ ފައިސާ ދެއްކުމާ ބެހޭގޮތުން އެއްބަސްވުމެއް ހަދާފައިވާ ކަމަށާއި، އެއެއްބަސްވުމުގެ ދަށުން ސޮއިކުރާ ދުވަހު ފުރަތަމަ އިންސްޓޯލްމަންޓްގެ ގޮތުގައި އެމްޑީޕީން އައިލެންޑް އޭވިއޭޝަނަށް އެއް މިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ.
އެއްބަސްވުމާއި އެއްގޮތަށް އެޕާޓީން ފައިސާ ދައްކާފައިވުމުން މި މައްސަލައިގެ ދައުވާ ފޯމު ބާތިލުކޮށްފައިވާއިރު، ސެޓްލްމެންޓް އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކާނަމަ ނުވަތަ އެއާ ހިލާފުވެއްޖެ ނަމަ، އަލުން މި މައްސަލަ ހުށަހެޅުމުގެ ފުރުސަތު މޯލްޑިވިއަނަށް ލިބިގެންވެއެވެ.



