ދިވެހިރާއްޖެއިން އިންޑިއާގެ ސަލާމަތާއި ރައްކާތެރިކަމަށް އުނިކަމެއް އަންނާނެ ފަދަ އެއްވެސް ކަމެއް ނުކުރާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ އިންޑިއާގެ ރައީސާ ދުރޫޕަތީ މުރުމޫގެ ދައުވަތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ނޫހެއްކަމަށްވާ ’ޓައިމްސް އޮފް އިންޑިއާ‘ އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގެ ތެރެއިންނެވެ.
ރައީސް ވިދާޅުވީ ރާއްޖެއިން އެހެން ޤައުމުތަކާއެކު އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރިކަމުގައިވީ ނަމަވެސް، މިސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ނޭދެވޭ އަސަރެއް ކުރާނެ ފަދަ އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށެވެ.
މީގެއިތުރުން، އިންޑިއާއަކީ ރާއްޖޭގެ ބައިވެރިއެއް ކަމަށާއި އަގުހުރި ރަހުމަތްތެރިއެއްކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ ދެ ޤައުމުގެ ގުޅުން ބިނާވެފައިވަނީ އެކަކު އަނެކަކަށް ދޭ އިޙްތިރާމާއި މަޞްލަޙަތުތަކުގެ މައްޗަށް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ދިވެހިރާއްޖެއިން އިންޑިއާއާއެކު ވަރުގަދަ އަދި ސްޓްރެޓެޖިކް ގުޅުމެއް ދަމަހައްޓަވަމުން ގެންދަވާނެ ކަމަށާއި، ސަރަޙައްދުގެ ސްޓެބިލިޓީ ޔަޤީންކުރުމަށް އެކުގައި މަސައްކަތްކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައެއާއިއެކު ރާއްޖެއިން ”ފުރަތަމަ ދިވެހިރާއްޖެ“ އިސްކުރާ ސިޔާސަތެއް ގެންގުޅެމުން ވެސް އިންޑިއާ އާއިއެކު އޮތް ދުވަސްވީ އަދި އިތުބާރުހުރި ގުޅުމަށް އިސްކަންދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”އަޅުގަނޑުމެން އެހެން ޤައުމުތަކާއެކު އޮންނަ ގުޅުމަކުން އިންޑިއާގެ ސަލާމަތީ މަޞްލަޙަތުތަކަށް އުނިކަމެއް ނާންންނާނެކަމުގެ ޔަޤީންކަން އެބައޮތް“ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



