އިޒްރޭލުގެ ޔަހޫދީ ސިފައިން ދެމުންދާ ހަމަލާތަކަށް ޙަޒްބުﷲ އިން ރައްދުދީ މިހާތަނަށް 10 މީހުން ޒަހަމްކޮށްލައިފި ކަމަށް ރިޕޯޓު ކޮށްފިއެވެ.
މީޑިއާ ރިޕޯޓުތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި މީގެ ދުވަސްތަކެއް ކުރިން އިޒްރޭލުގެ އުތުރަށް ހަމަލާ ދިނުމަށްފަހު ރޭގެ ވަގުތެއްގައި ހަޒްބުﷲ އިން ވަނީ އިޒްރޭލުގެ ހައިފާ ސިޓީއަށް ވައިގެ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތައް ދިނީ ބަނދަރު ސަރަހައްދަކަށް ކަމަށާއި، ހަމަލާގެ ސަބަބުން އިޒްރޭލުގެ 10 މީހަކު ޒަހަމްވި ކަމުގައިވިޔަސް އެއްވެސް މީހަކު އަދި މަރާލާފައި ނުވާ ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.
ހަޒްބުﷲ އިން އިޒްރޭލަށް ރައްދު ދީފައިމިވަނީ، އެ ޤައުމުން ލުބްނާންގެ ވެރި ރަށް ބެއިރޫތަށް ހުއްޓުމެއް ނެތި ދެމުންގެންދާ ހަމަލާތަކުގެ ސަބަބުންނެވެ. އެގޮތުން އިޒްރޭލުން ވަނީ ބެއިރޫތަށް ވައިގެ މަގުން އެތައް ހަމަލާތަކެއް ފާއިތުވީ ދުވަސްތަކުގައި ދީ އެތައް ބަޔަކު ޝަހީދު ކޮށްލައިފައެވެ.
އަލްޖަޒީރާގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި އިއްޔެ ރޭ ވެސް އިޒްރޭލުން ބެއިރޫތުގެ ދެކުނުގެ ސަބަރބްތަކަކަށް ވައިގެ ބޮޑެތި ހަމަލާތަކެއް ދީފައިވެއެވެ. އެހަމަލާތަކުގެ ސަބަބުން 12 މީހަކު ޝަހީދުވެފައިވާ ކަމަށް ލުބްނާނުގެ ސިއްހީ ވުޒާރާއިން ބުނެފައިވެއެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ހިމެނެއެވެ.
ލުބްނާނަށް ހަމަލާ ދިނުމުގެ އިތުރުން އިޒްރޭލުން އިއްޔެވަނީ ޣައްޒާގެ މިސްކިތަކަށް ބޮން އަޅައި އެތައް ބަޔަކު ޝަހީދުވެސް ކޮށްލައިފައެވެ. އެހަމަލާގެ ދިފާއުގައި އިޒްރޭލުން ބުނީ، މިސްކިތައް ހަމަލާ ދިނީ، އެތަނަކީ ހަޒްބުﷲ އިން އޮޕަރޭޝަންތައް ކުރިއަށް ގެންދިޔުމަށް ބޭނުން ކުރާ މަރުކަޒަކަށް ވާތީ ކަމަށެވެ. ނަމަވެސް އެ މިސްކިތަކީ އިޒްރޭލުގެ ޔަހޫދީންގެ ނުބައި ކަމުގެ ސަބަބުން އަމިއްލަ ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ބައެއް ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިން މިސްކިތެއްކަން މިހާތަނަށް ވަނީ ހާމަވެފައެވެ.




