ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން އިންޑިއާއަށް ކުރައްވާފައިވާ ފުރަމާނަ ދަތުރުފުޅާއި ގުޅިގެން، އެޤައުމުން ރައީސްގެ ދެކަނބަލުންނަށް ރަސްމީކޮށް މަރުހަބާ ކިޔައިފިއެވެ.
ރައީސް މުޢިއްޒު އިންޑިއާއަށް ދަތުރުކޮށްފައި މިވަނީ އެޤައުމުގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށެވެ. އެގޮތުން ރައީސްގެ ދެކަނބަލުންނަށް ރަސްމީކޮށް މަރުހަބާ ދެންނެވުން އޮތީ މިއަދު ހެނދުނު އެ ގައުމުގެ ރިޔާސީ ގަނޑުވަރު ރާސްތުރަޕަތީ ބަވަންގައެވެ. އަދި އެ ދެކަނބަލުންނަށް މަރުހަބާ ދެންނެވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ރައީސް މުރުމޫއެވެ.
ރައީސް މުޢިއްޒުގެ ދެކަނބަލުންނަށް މަރުހަބާ ދެންނެވުމަށްޓަކައި ރާއްޖެއާއި އިންޑިއާގެ ޤައުމީ ސަލާމް ކުޅެ، ރައީސް މުޢިއްޒުގެ ޝަރަފުގައި ގާރޑް އޮފް އޮނަރ އެއްވެސް ވަނީ އަރުވާފައެވެ. އަދި އިންޑިއާގެ ސަޤާފީ ހަރަކާތްތަކެއް ވެސް މިރަސްމިއްޔާތުގައި ބާއްވާފައިވެއެވެ.
ވެރިކަމާ ހަވާވުވެ ވަޑައިގަތުމަށްފަހު ރައީސް މުޢިއްޒު އިންޑިއާއަށް ކުރެއްވި ފުރަތަމަ ރަސްމީ މިދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރާއި ސަރުކާރުގެ އިސް އޮފިޝަލުންނާއެކު ރަސްމީ މަޝްވަރާތައް މިއަދު ބާއްވަވާނެ އެވެ. އަދި ދެ ގައުމުގެ ދެމެދު އެކި އެއްބަސްވުންތަކުގައި މިއަދު ސޮއިކުރައްވާނެއެވެ.



